ހުކުމް ތަންފީޒު ކުރަން ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ: އެމަނިކުފާނަށް މިއަދު ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން އެ މަނިކުފާނު ކ. މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެން ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދު ހަވީރު 6:00ހާއިރެވެ.

އޭގެ ފަހުން 7:40ހާ އިރު، ކަރެކްޝަނަލް ސާވިސްގެ އުޅަނދެއްގައި އެ މަނިކުފާނު ވަނީ ތިން ނަމްބަރު ޖެޓީއަށް ގެންގޮސް، ލޯންޗަށް އަރުވާފައެވެ.

ޔާމީންގެ މައްޗަށް ކުރި ދެ ދައުވާގެ ތެރެއިން، މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެ މަނިކުފާނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

އެ ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ވަނީ ގާނޫނީ ހުރަހަކާ ކުރިމަތިވެފައެވެ. އެއީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވެފައިވާ ނަމަ ކަމަށް ގާނޫނު އަސާސީގައި ބަޔާކޮށްފައިވާތީއެވެ.

https://sun.mv/172093

ޔާމީނަށް ރިޝްވަތު ދެއްވިކަން ސާބިތުވެފައިވާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް