ރައީސަކީ ގައުމަށްޓަކައި މަސައްކަތް ކުރެއްވުމުގައި ނަމޫނާ ލީޑަރެއް: މީކާއިލް

މެންބަރު މީކާއިލް އަހުމަދު ނަސީމް: އޭނާ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާނު ކުރައްވައިފައި --- ފޮޓޯ/މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ގައުމަށްޓަކައި މަސައްކަތް ކުރެއްވުމުގައި ނަމޫނާ ދައްކަވައިފައިވާ ލީޑަރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އެމަނިކުފާނަށް ތާއީދު ކުރައްވައިފިއެވެ.

އަންނަ މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމައިފައިވަނިކޮށް، ރައީސް ޞާލިހަށް ތާއީދުކުރައްވާނެކަން އިއުލާނު ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައި މީކާއިލް ވިދާޅުވީ ކުރިން ސަރުކާރަށް ފާޑުކީ ނަމަވެސް މިފަހަރުގެ އިންތިޙާބުގައި އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވީ އެމަނިކުފާނު ދެއްކެވި ނަމޫނާ ލީޑާޝިޕްގެ ސަބަބުން ކަމަށެވެ.

"އެންމެ ބޮޑަށް ފާޑު ވިދާޅުވާ ފަރާތްތަކާ އެކުގައި ވެސް ގައުމުގެ ކުރިމަގަށް މަސައްކަތް ކުރެއްވުމުގައި ރައީސް ވަނީ ނަމޫނާ ދައްކަވައިފައި." މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ކުރިން ފާޑުކީ ކަމަށާއި އެކަމަކު، މިފަހަރުގެ އިންތިޙާބުގައި އޭނާގެ ފުރިހަމަ ތާއީދު ރައީސަށް އޮންނާނެ ކަމަށެވެ.

އެޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި މީކާއިލް އެންމެ ފުރަތަމަ ފާހަގަވެފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި މެންބަރެއްގެ ގޮތުގައެވެ. އަދި، އޭނާ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީދާ ރައީސަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެކަމަކު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް މަޖިލީހުގައި ބަހުސް ކުރެއްވީއިރު އޭނާގެ ރާގު ވަނީ ބަދަލުވެފައެވެ.

އެ ބަހުސްގައި އޭނާ ވަނީ ރައީސް ޞާލިހާއި ސަރުކާރަށް ތައުރީފު ކުރައްވައިފައެވެ. އެކަމަކު، އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ފަޅި ބަދަލު ނުކުރައްވާ ކަމަށާއި ބަޖެޓަށް ވޯޓު ދިނީ ޕާޓީގެ ވިޕްލައިނާ ހިލާފުނުވާން ވެގެން ކަމަށެވެ.

އަންނަ މަހު 28ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގާ ވާދަކުރައްވަނީ ރައީސްގެ އިތުރުން، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕްރައިމަރީގާ ވާދަކުރައްވަން ނަޝީދު ކެމްޕޭން ފައްޓަވައިފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.

އެހެންވެ، އެޕާޓީގެ މިފަހަރުގެ ރިޔާސީ ޕްރައިމަރީ ވަރަށް ބޮޑަށް ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އެޕާޓީން ބޭއްވި އެންމެ ފޯރިގަދަ ޕްރައިމަރީއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ޕްރައިމަރީއެވެ. އެ ޕްރައިމަރީގައި އެޕާޓީގެ ފައުންޑާ މެންބަރުން ކަމަށްވާ ރީކޯ މޫސާ މަނިކާއި، ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަކުރެއްވިއެވެ. އެފަހަރު ތިން ވަނަ ބޭފުޅަކަށް ވާދަކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ނަޝީދެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުންގެ ގިނަ، އެންމެ ދުވަސްވީ ސިޔާސީ ޕާޓީއެވެ.

comment ކޮމެންޓް