އިންޒާރާއެކު އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް (ކ) އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ހިތްވަރު ލިބޭގޮތަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ޓްވީޓު ކުރެއްވުމާ ގުޅިގެންނެވެ.

އައްބާސް ކުރެއްވި ޓްވީޓުގައި ވަނީ ފެބުރުއަރީ އަށެއްގައި އިންޑިއާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި އަދި އޭގެ ބަދަލު އޮތީ ނުހިފި ކަމަށެވެ.

"އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އިންޑިއާ އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" އޭނާގެ ޓްވީޓުގައި ވެއެވެ.

އައްބާސްގެ ނުސީދާ މި އިންޒާރާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ސަލާމަތީ ގޮތުން ނަގަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން މިހާރު ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ އެކަމަކީ ޓެރެރިޒަމްގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލައި އެފަދަ މައްސަލަތައް ވަރަށް ސީރިޔަސް މައްސަލަތެކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް