ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެފަދަ އަމަލުތަކާއި ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރެންސް"ގެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ ދެއްވައިފިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައެވެ.
އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށާން ޖެހޭ ކަމަށް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގެންގުޅުއްވާ "ޒީރޯ ޓޮލެރެންސް"ގެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
"އިންޑިއާ އަކީ ތަރައްގީގައި އަޅުގަނޑުމެންގެ އެންމެ ގާތް ބައިވެރިޔާ. ދިވެހިންނަށް ލިބެން އަންނަ ތަރައްގީ ހުއްޓުވަން ކުރާ މަސައްކަތް ބަލައި ނުގަންނާނަން" އެކަމަނާ ވިދާޅުވިއެވެ.
އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ހަމަނުޖެހުމާއި ޓެރަރިޒަމަށް ހިތްވަރު ދީ ކުރާ ކަންކަން ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. އަދި، އެފަދަ މައްސަލަތައް އެކަށޭނެ ގޮތެއްގައި ބަލަމުން ގެންދާނެ ކަމަށެވެ.
"މީސްމީޑިއާގައި ނަފުރަތު އުފެއްދުން ރާއްޖޭގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން. މިކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިއަންނަނީ މަސައްކަތް ކުރަމުން" އޭނާ ވިދާޅުވިއެވެ.
އައްބާސް އާދިލް ރިޒާ އަކީ ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.