ރައްޔިތުން އެދޭ ގޮތަށް ނިލަންދޫ ތަރައްގީކުރާނީ މި ސަރުކާރުން: ރައީސް ޞާލިހު

ގއ. ނިލަންދޫ އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޞާލިހް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ގއ. ނިލަންދޫ ތަރައްގީކޮށް ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ ކަންކުރާނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮށްދޭނީ އެ މަނިކުފާނުގެ މި ސަރުކާރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނިލަންދޫ ފެނަކަ އާ އިންޖީނުގެ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި މި ރަށް ބާކީ ނުކުރައްވާނެކަމަށެވެ.

ނިލަންދޫގެ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ރަށުގެ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މި ރަށުގައި ދަނަޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު ސަރުކާރުން އެގްރޯ ސެންޓަރެއް ގާއިމްކުރުމުން އޭގެ ފައިދާކުރާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާ މީގެ ހަތަރު އަހަރު ކުރިން ހަވާލުވި އިރުގައި ރަށް ރަށުގައި ގިނަ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަކީ ލިބޭ އެއްޗެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ކަރަންޓާއި ފެނާއި، ލަފާ ފުރުން ފަދަ ކަންކަމަކީ ވެސް ފަސޭހައިން ލިބޭ ކަންކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ދެކެވިފައި އޮންނަ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފަދަ ކަންކަމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކަމަށް ނުބަލައިކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެއީ ސަރުކާރަކުން ވިސްނުން ގެންގުޅެން ޖެހޭނެ ގޮތެއް ނޫންކަމަށެވެ.

އެގޮތުން ރައްޔިތުން އަތުން ޓެކްސް ފައިސާ ނަގައި، ސަރުކާރަށް ލިބޭ އާމްދަނީ އަކީ އެ ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ހޭދައެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތް ކަމަކީ ކަރަންޓު ޚިދުމަތް ރަށްރަށުގައި ގާއިމްކޮށްދިނުންކަމަށް ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ފެނަކައާ ހަވާލުވެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި އޭނާގެ ޓީމުން އެކަން ކުރައްވަނީ 'އަކުރުން އަކުރަށް' ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ އެއް ބައިވެރިއަކީ ފެނަކަ. ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޖީނު ގެތައް ބަދަލުކުރުމުގައި، ކޭބަލްތައް އާކުރުމުގައި ކުރާ މަސައްކަތް މިހާރު ވެސް ތި ކުރަމުން ގެންދާ ހަލުވި ސްޕީޑުގައި ކޮށް އަޅުގަނޑުމެންގެ މި ދައުރު ނިމުމުގެ ކުރިން އަޅުގަނޑުމެން ވައުދުވެފައިވާ ގޮތަށް ކޮށްދޭނެކަމުގެ ޔަގީންކަން މިއަދު ވެސް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާތނަށް އައި އިރު 144 ރަށަކަށް، 313 ޖަނެރޭޓަރު އެކި ރަށްރަށަށް ފޯރުކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން ގިނަ ރަށްތަކުގައި ފެނަކަ އޮފީސް ގާއިމްކުރަމުން އަންކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް