މިނިވަންކަން އޮންނަންވާނީ ހައްގުތަކަށް އުނި ނުވާނެ ގޮތަށް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޑިމޮކްރަސީ ގާއިމްވުމާއެކު ލިބިދީފައިވާ މިނިވަންކަން އޮންނަންވާނީ އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫ ކައުންސިލްގެ "ފަށާނާ" އެވޯޑް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ރޭ ވިދާޅުވީ އަބަދުވެސް އެދެނީ ރާއްޖޭގައި ހަމަޖެހުން ގާއިމްވެފައި އޮތުމަށް ކަމަށެވެ. އަދި، ބޭރުގެ ބައެއް ގައުމުތައް ގޮތަށް ބައިބައިވެ، ހަމަނުޖެހުމާއި ލޭ އޮހޮރުވުމުގެ ތެރޭގައި ރާއްޖެ އޮންނަން ދުވަހަކުވެސް ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"[ރާއްޖެއަށް އެދެނީ] މަސްލަހަތު ހަމަޖެހިފައިވާ އުފާވެރި މުސްތަގުބަލެއް. އެހެން މިދެންނެވީ ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން އަދި އެކެއްގެ ސިޔާސީ އޮއެވަރުތައް ހިނގަމުންދާ ގޮތުން ބައެއް ގައުމުތަކުގައި ހަމަނުޖެހުން ހިނގަމުންދާތީ، ލޭ އޮހޮރުވުމާއި ހަރުކަށި އަމަލުތައް ފެންނަމުން ދާތީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ބޭރުގެ ބައެއް ގައުމުތައް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައީ އެކަކު އަނެކަކުގެ ހައްގުތަކަށް އިހްތިރާމް ނުކުރާތީއެވެ.

"އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް އޮންނަން ޖެހޭނީ އަޚްވަންތަކަން. އެއްބަނޑު އެއްބަފާކަން. އެކަކު އަނެކަކަށް ކަމޭހިތުން. އެކަކު އަނެކަކަށް އަޅާލުން،" 30 އަހަރު ވަންދެން ވެރިކަން ކުރެއްވި މައުމޫން ރޭ ވިދާޅުވިއެވެ.

އެކަކު އަނެކަކަށް ހިތުހުރި އެއްޗެއް ގޮވުމަކީ ޑިމޮކްރަސީގެ އަސާސެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނަން ވާނެ ކަމަށާއި އެކަމަކު އެކަން އޮންނަންވާނީ އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުގެ މިނިވަންކަމަކީ އެހެން މީހަކަށް ގެއްލުންހުރި މިނިވަންކަމަކަށް ވެގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަޚްވަންތަކަން ގެއްލި، އިޖުތިމާއީ ފޭރާން ވީދިގެންދާނެ އެއްވެސް ކަމަކަށް އެއްވެސް ރައްޔިތަކު މަސައްކަތް ނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ހަމައަކީ އެކަކު އަނެކަކުގެ ގަދަރު އުފުލުން ކަމަށެވެ. އަދި، އެއްވެސް ރައްޔިތެއްގެ ގަދަރު ކުޑަވާ ގޮތަށް ހިންގޭ އަމަލުތަކަކީ ޑިމޮކްރަސީއާ ދުރު ކަންކަން ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް