އަންނަ މަހުގެ 20 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ބަންގްބަންދު ޝައިޙް މުޖީބް ޑާކާ މެރަތަންގައި ބައިވެރިވާ ރާއްޖޭގެ މެރަތަން ޓީމު އެކުލަވާލައިފިއެވެ.
އެ ޓީމުގައި ހިމެނެނީ ރާއްޖޭގެ ތަޖުރިބާކާރު މެރަތަން ދުވުންތެރިންކަމަށްވާ ޝަމްހާ އަހުމަދާއި މަރްޔަމް އަބްދުލް ކަރީމް (މަރީ)ގެ އިތުރުން ކުރިއަރަމުންއަންނަ މެރަތަން ދުވުންތެރިންކަމަށްވާ ޔޫސުފް އިބްރާހިމް އާއި ފަވާޒު މުހައްމަދެވެ.
ޑާކާ މެރަތަންގައި ރާއްޖޭގެ ޓީމަށް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ.
އެ މެރަތަންގައި ވާދަކުރާ ދުވުންތެރިންގެ ތެރެއިން މަރީއާއި ފަވާޒު ވާދަކުރާނީ ފުލް މެރަތަން ބައިގައެވެ. އަދި ޝަމްހާއާއި ޔޫސުފް ވާދަކުރާނީ ހާފް މެރަތަން ބައިގައެވެ.
އެ ޓީމުގައި ހިމެނުނު ޝަމްހާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މެރަތަން ދުވުން ތެރިޔާއެވެ. ނަމަވެސް ޝަމްހާއަށް ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު މި ލިބެނީ ހަތް އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ.
ޝަމްހާ އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނިގެން ދުވެފައިވަނީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައައެވެ.
ޝަމްހާ ވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ހާފް މެރަތަންގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ. ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދިޔަ "އޮސްލޯ މެރަތަން"ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ ގަައުމީ ރެކޯޑު މުގުރާލީ 1 ގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން ހާފް މެރަތަންގެ ގައުމީ ރެކޯޑު އޮތީ މަރީ އަތުގައެވެ.