ރެކޯޑަކަށްފަހު ރެކޯޑެއް، ޝަމްހާ ހާފް މެރެތަންގެ ގައުމީ ރެކޯޑު ވެސް މުގުރާލައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2015 ގައި ޝަމްހާ ވާދަކުރަނީ--- ފޮޓޯ/ އެމްއޯސީ

ރާއްޖޭގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ ޝަމްހާ އަޙްމަދު ހާފް މެރަތަންގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ ގަައުމީ ރެކޯޑު މުގުރާލީ 1 ގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން ހާފް މެރަތަންގެ ގައުމީ ރެކޯޑު އޮތީ ދިގު ދުވުންތަކަށް ހާއްސަ މަޝްހޫރު ފިޓްނަސް ޓްރޭނަރު މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައެވެ.

މަރީ އެ ރެކޯޑު ހެދީ މި އަހަރު ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ ހާފް މެރަތަންގައެވެ. މަރީ އެ ރޭސް ނިންމީ އެއް ގަޑިއިރާ 30 މިނެޓް 46 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭގެ ކުރިން ވެސް އެ ރެކޯޑު އޮންނަނީ ހަމަ މަރީ އަތުގައެވެ. ހަމަ ދުބާއީގެ މި މެރަތަންގައި 2020 ގެ އެޑިޝަންގައި ވާދަކޮށް މަރީ ރެކޯޑް ހެދީ އެއް ގަޑިއިރާއި 33 މިނެޓު 42 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިދިޔަ ޖޫން މަހު ޖަރުމަނުގައި ބޭއްވި ދަ އީވިއެލް ހާފް މެރަތަންގެ ފަސް ކިލޯ މީޓަރުގެ ރޭހުގައި ވާދަކޮށް ފަސް ކިލޯ މީޓަރު ރޭހުގެ ގައުމީ ރެކޯޑު ވެސް ޝަމްހާ ވަނީ މުގުރާލައިފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި 20:26 ސިކުންތުން ދުވެގެން ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް ހެދި ރެކޯޑް ޝަމްހާ މުގުރާލީ 20:08 ސިކުންތުން ރޭސް ނިންމައިގެންނެވެ.

comment ކޮމެންޓް