ޓޫރިޒަމްގެ އާ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ރާއްޖެއައި ފަތުރުވެރިންތަކެއް ވީއައިއޭގައި ސަން ފޮޓޯ/ފަޔާޒު މޫސާ

ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އާ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ އާ މާކެޓްތަކުގެ ގޮތުގައި ފާހަގަކުރާ ގިނަ މާކެޓްތަކަކުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ޔޫރަޕް، އޯޝޭނިއާ، އިރުމަތީ އޭޝިއާ، އަދި އެމެރިކާގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫރަޕްގެ އާ މާކެޓްތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ރަނގަޅު ކުރިއެރުމެއް ލިބިފައިވަނީ ޕޮލެންޑުންނެވެ. ޕޮލެންޑުން މިދިޔަ މަހު ރާއްޖެއަށް 3،356 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޒިޔާރަތްކޮށްފައިވަނީ 2،603 ފަތުރުވެރިންނެވެ. ޔޫރަޕްގެ އާ މާކެޓްތަކަށް ބަލާއިރު، ނެދަލެންޑްސް، ބެލްޖިއަމް، ބަލްގޭރިއާ ފަދަ ގައުމުތަކުން ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.

އޯޝޭނިއާއަށް ނިސްބަތްވާ ގައުމުތަކަށް ބަލާއިރު، މިދިޔަ މަހުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ އޮސްޓްރޭލިއާއެވެ. މިދިޔަ މަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 2،940 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 384 ފަތުރުވެރިންނެވެ.

ރިސޯޓެއްގައި ދެ ފަތުރުވެރިއަކު ޗުއްޓީ ހޭދަކުރުމުގެ ތެރެއިން-- ފޮޓޯ/ވިޒިޓްމޯލްޑިވްސް

އެމެރިކާގެ ގައުމުތަކަށް ބަލާއިރު، ޔޫއެސް އާއި ކެނެޑާއިން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މަހު ޔޫއެސްއިން ރާއްޖެއަށް 8،748 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޒިޔާރަތްކޮށްފައި ވަނީ 7،592 ފަތުރުވެރިންނެވެ. ކެނެޑާއިން މިދިޔަ މަހު 1،328 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުން އައީ 873 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ އާ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އަންނަނީ ފުޅާދާއިރާއެއްގައި މާކެޓިން ކެމްޕެއިންތައް ހިންގަމުންނެވެ.

ބޭރު ގައުމެއްގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ބައިވެރިވި ފެއާއެއްގެ ތެރެއިން--- ފޮޓޯ/އެމްއެމްޕީއާރުސީ

"ސަން"އާ ވާހަކަދައްކަމުން އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިން ރޯޑްޝޯ އާއި ބިލްބޯޑުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރިނަމަވެސް މިހާރު މާކެޓް ކުރުމުގައި ގެންގުޅެމުންއައި ވައްޓަފާޅި ބަދަލުކޮށް ޒަމާނާ އެއްގޮތަށް މާކެޓް ކުރަން ފަށާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޑިޖިޓަލްކޮށް މާކެޓިން ހަރަކާތްތައް ކުރިއަށްގެންދިއުމާއި، ގައުމުތަކަށްގޮސް، އެ ގައުމެއްގެ ބަހުން ރާއްޖެ އިޝްތިހާރުކުރުމާއި، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އިޝްތިހާރުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްވިޒަލޭންޑްގެ މަގެއްގައި ބަހައްޓާފައި ހުރި ޑިޖިޓަލް ސްކްރީނެއްގައި ރާއްޖޭގެ މަންޒަރެއް--- ފޮޓޯ/އެމްއެމްޕީއާރުސީ

ދާދި ފަހުން މީޑިއާއާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވި ގޮތުގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރުގެ މިހާތަނަށް 150އަށް ވުރެ ގިނަ ހަރަކާތް ހިންގާފައިވެއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް އައި އިރު، ބަޖެޓްކުރިވަރުގެ ނިސްބަތަށް ބަލައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޠައްޔިބު ވަނީ ވިދާޅުވެފައެވެ.

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އާ މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެއާލައިންތަކާއި ޓްރެވަލް އޭޖެންޓުންނާއި ރިސޯޓްތަކާއި އެނޫންވެސް ޓޫރިޒަމް ވިޔަފާރީގައި ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

comment ކޮމެންޓް