ފީފާ ރޭންކިންގައި ރާއްޖެ ފަހަތަށް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --ފޮޓޯ/އެފްއޭއެމް

ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއިން ކޮންމެ ދެ މަހަކުން އިއުލާންކުރާ، "ފީފާ މެންސް ރޭންކިންގް"ގައި ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމެއް ކުރިމަތިވެއްޖެއެވެ.

މީގެކުރިން އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އިއުލާންކުރި ފީފާ ރޭންކިންގައި ރާއްޖެއަށް ލިބެނީ ރޭންކިންގެ 154 ވަނަ އެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ފީފާއިން އިއުލާންކުރި ރޭންކިންގައި ރާއްޖެއަށް ލިބެނީ 156 ވަނައެވެ. އެހެންކަމުން އޮކްޓޯބަރު މަހު ރާއްޖެއަށް ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިފައި ވެއެވެ.

ރާއްޖެއަށް އޮކްޓޯބަރު މަހު ރޭންކިންގައި ކުރިއެރުން ލިބުނީ, ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ނެރުނު ނަތީޖާ ރަނގަަޅުވުމުންނެވެ. އެގޮތުން އޭރު ރޭންކިންގެ 190 ވަނައިގައި އޮތް ބްރޫނާއިއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން 0-3 އިން ކާމިޔާބު ކުރިއިރު، އޭރު ރޭންކިންގެ 183 ވަނައިގައި އޮތް ލާއޯސްއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މިއާއެކު ރާއްޖެއަށް އޮކްޓޯބަރު މަހުގެ ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، މިއަދު އާންމުކުރި ރޭންކިންގައި އަނެއްކާވެސް ދެ ދަރަޖައިގެ ވެއްޓުމެއް ލިބުނީ، މި މަހުގެ 14 ވަނަ ދުވަހާއި 17 ވަނަ ދުވަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވެސް ނާކާމިޔާބީއާ ކުރިމަތިވުމުންނެވެ. އެއީ މެލޭޝިއާއާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ރާއްޖެއަށް މި ފަހަރުގެ ރޭންކިންގައި ދެ ދަރަޖައިގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުނުއިރު، ސާފް ސަރަހައްދުގައި ރާއްޖެއަށް ރޭންކިންގައި ލިބެނީ ދެ ވަނައެވެ. އެއްވަނަ ލިބެނީ އިންޑިއާ އަށެވެ. އިންޑިއާއަށް ދުނިޔޭގެ ރޭންކިންގައި ލިބެނީ 106 ވަނައެވެ. ސާފް ސަރަހައްދުގެ ތިންވަނަ ލިބެނީ ދުނިޔޭގެ ރޭންކިންގައި 175 ވަނަ ލިބޭ ނޭޕާލް އަށެވެ. ހަތަރު ވަނައިގައި އޮތް ބޫޓާނަށް ރޭންކިންގައި 185 ވަނަ ލިބޭއިރު މި ސަރަހައްދުގެ ފަސްވަނައިގައި އޮތް ބަންގްލަދޭޝްއަށް ރޭންކިންގައި ލިބެނީ 192 ވަނައެވެ. އަދި މި ސަރަހައްދުގެ އެންމެ ފުލުގައި އޮތް ޕާކިސްތާނަށް ރޭންކިންގައި ލިބެނީ 195 ވަނައެވެ.

comment ކޮމެންޓް