އާދިއްތަ ދުވަހު ޔާމީނަށް ހުކުމް ކުރަނީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ޖަލްސާގެ ތެރެއިން ޔާމީން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅޭ މައްސަލައިގައި ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި، މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

އެ މައްސަލައިގާ ހިމެނޭ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްސަލަ ވެސް ކުރިޔަށް ގެންދަނީ އެކުއެކީގައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ދައުވާ ކޮށްފައިވަނީ އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން، ޔޫސުފް ނައީމް އަތުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައިފައިވާ ކަމަށް ތުހުމަތު ކޮށެވެ. އެކަމަކު، ދެ ފަރާތުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލާ ހުކުމާއި ހަމައަށް ގޮސްފައިވާއިރު އަންނަ އާދިއްތަ ދުވަހު ހެނދުނު ހުކުމް ކުރުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލަ ސާބިތުވެއްޖެ ނަމަ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޔާމީނަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވުން އެކަށިގެންވެއެވެ.

މިގޮތުން، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށިގެންވެއެވެ.

މި މައްސަލައިގާ އިތުރުން ރ. ފުއްގިރި މައްސަލައިގާ ވެސް ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައެވެ. އެ މައްސަލަ އަދި ނިމުމަކާ ގާތަށް ނުދެއެވެ.

comment ކޮމެންޓް