ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރުގެ ސަސްޕެންޝަން އުވާލައިފި

ޓްރާންސްޕޯޓް އޮތޯރިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިނުމުގެ ތުހުމަތުގައި ސަސްޕެންޑު ކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްދިނުމުގެ ތުހުމަތުގައި ސަސްޕެންޑު ކުރީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުއެވެ.

ރުޝުނާގެ ސަސްޕެންޝަން އުވާލިކަން ސިވިލް ސާވިސް ކޮމިޝަނުންވަނީ ކަށަވަރުކޮށްދީފައެވެ. އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު "ސަން"އަށް ވިދާޅުވީ ރުޝޫނާގެ ސަސްޕެންޝަން އުވާލީ އޭނާގެ ސަސްޕެންޝަން އުވާލައިގެން ތަހުގީގު ކުރިއަށް ގެންދިޔަޔަސް ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

"އެ މައްސަލައިގައި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލިފައި އޮތުމާއެކު، އިތުރަށް ސަސްޕެންޑުކޮށްފައި ބެހެއްޓުމުގެ މާނައެއް ނެތް ކަމަށް ފެނުނީ،" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަ އޭސީސީއިން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި އޭސީސީއާއި ސިވިލް ސާވިސް ކޮމިޝަނާ އެއްކޮށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ އިތުރުން، މި މައްސަލަ ފެންމަތި ވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެ، 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.

މިކަމާ ގުޅިގެން ނުވަ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް މިއަހަރުގެ އޮކްޓޯބަރު މަހު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. އެގޮތުން އެ މައްސަލައިގައި އުޅަނދުތަކުގެ ރަޖިސްޓްރީ ބާލިތްކޮށްފައި ވަނީ ގަވާއިދާ ޚިލާފުވި ސަބަބެއް ބަޔާން ނުކޮށް، އުޅަނދުގެ ވެރިފަރާތުގެ ބަހެއް ހޯދުމަކާ ނުލައިކަމަށްވުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުން ބާތިލުކޮށްދިނުމަށް އެ މީހުން ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި އޭރު ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ބާތިލުކުރީ ކޮން ސަބަބަކާ ގުޅިގެންކަން އެ ވެހިކަލްތަކުގެ ވެރި ފަރާތްތަކަށް އެނގޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ރުޝޫނާގެ މައްޗަށް ތުހުމަތު ކުރެވުނީ ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށް އުޅަނދުތަކުގެ ވެރިންގެ އަތުން ފައިސާ ނަގާފައިވާކަމުގެ ތުހުމަތެވެ.

comment ކޮމެންޓް