މީހުން އުފުލާ ޑްރޯންގެ އުދުހުން މާލޭގައި ވެސް ދައްކާލައިފި، ބޮޑު ތަރުހީބެއް!

މީހުން އުފުލާ ޑްރޯންގެ އުދުހުން މާލޭގައި މިއަދު ވަނީ ދައްކާލާފައި -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ މީހުން އުފުލާ ޑްރޯން ނުވަތަ "މޭންޑް ޑްރޯން"ގެ ޚާއްޞަ އުދުހުންތަކެއް މިއަދު ހަވީރު މާލޭގައި ވެސް ދައްކާލައިފިއެވެ.

ތިމާވެއްޓާ ރައްޓެހި މި އައު ދަތުރުފަތުރުގެ ނިޒާމު އަމަލީ ގޮތުން ދައްކާލުމަށް މާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ބަލައިލުމަށް ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ.

މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު 15:00 ގައެވެ. ޑްރޯން ނައްޓާލީ އެސްޓީއޯ މައި އޮފީސް ސަރަހައްދުންނެވެ.

މީހުން އުފުލާ ޑްރޯންގެ އުދުހުން މާލޭގައި މިއަދު ވަނީ ދައްކާލާފައި -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

މާލޭގެ އިތުރުން މި ޑްރޯންގެ އުދުހުންތައް އެންމެ ފުރަތަމަ ދައްކާލާފައި ވަނީ ހުޅުމާލޭގައެވެ. އެގޮތުން ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލޭ ކުރެދިމާ ހިނގުން ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޗައިނާގެ ކޫލްފްލައި ކުންފުނީގެ އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިން (އީވީޓޯލް) ޑްރޯން ވަނީ ކާމިޔާބުކަމާއެކު އުދުއްސާލާފައެވެ. އަދި އިއްޔެ ހެނދުނު ވެސް ހުޅުމާލޭގައި މި ޑޮރޯން އަރުވާފައިވެއެވެ.

މިއީ އިންސާނުން އުފުލާ މިފަދަ އިލެކްޓްރިކް އުޅަނދެއްގެ އުދުހުން ރާއްޖޭގައި ދައްކާލި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ޙަރަކާތުގެ އިތުރު އުދުހުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިއްޔެ ހެނދުނު 09:00 ގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

މީހުން އުފުލާ ޑްރޯންގެ އުދުހުން މާލޭގައި މިއަދު ވަނީ ދައްކާލާފައި -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

އީވީޓޯލް އަކީ މިހާރު ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ޒަމާނީ އިންގިލާބީ ބަދަލެވެ.

އާންމުކޮށް ބޭނުންކުރާ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރުމާއި ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ މުޅިންވެސް ކަރަންޓު ބޭނުންކޮށްގެން ދުއްވާ، ޖައްވަށް ވިހަގޭސް ބޭރުކުރުން ސުމަކަށް ތިރިކޮށްދޭ އުޅަނދެކެވެ.

https://sun.mv/230168

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމަކަށް ވާތީ، އާންމުކޮށް ތެޔޮ ބޭނުންކުރާ އުޅަނދުތަކުގެ ބަދަލުގައި މިފަދަ އީވީޓޯލް އުޅަނދުތައް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ގްރީން އިކޮނޮމީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް