ސަލާމަތީ ބާރުތަކުގެ ފުލެޓުތައް ނުނިމުނު؛ ބޮޑު ތުރާލަކަށް!

ހުޅުމާލޭގައި ހަދަން ފަށައިފައިހުރި ސަލާމަތީ ހިދުމަތްތަކުގެ ފުލެޓުތައް--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ފުލެޓު ލިބޭނެކަން އަންގާ ލިޔުމެއް ހަވާލު ކުރީމާ، އަޅުގަނޑު ހަނދާން ވަނީ 2015 ވަނަ އަހަރޭ، އޭރު ހަމަ ފުލެޓަށް އެއްޗެހި ގަންނަން ވެސް ފެށިން. ތެލި ތައްޓާއި، އެއްޗެހި ހަމަކުރިން އެ އަހަރު" ސިފައިންގެ ސިފްކޯ ހިޔާއިން ފުލެޓު ލިބުނު މީހަކު ވާހަކަ ފެށިއެވެ.

"މިހާރު އެ އެއްޗެހި ހަލާކު ވެގެން ހިނގައްޖެ، އެކަމަކު އަދިވެސް ފުލެޓެއް ނުނިމޭ" އޭނާ ބުންޏެވެ.

ސަލާމަތީ ހިދުމަތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މި ބިޔަ މަޝްރޫއު ފެށީ، 2013 ވަނަ އަހަރެވެ.

އެކަމަކު، ފުލުހުންގެ ފުލެޓުތަކުގެ ބިންގާ އެޅީ އޭގެ މާ ފަހުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަމަލީ މަސައްކަތް ފެށިތާ މިއީ އަށް ވަނަ އަހަރެވެ. އަދިވެސް ފުލެޓުތައް ނުނިމި، އެތަންތަން ވަނީ ސަރުކާރުތަކާއި ފުލެޓު ލިބުނު އާއިލާތަކަށް ވެސް ތުރާލަކަށް ވެފައެވެ.

ފުލެޓުތައް ފަރުމާކޮށްފައިވާ ގޮތް:

ސިފައިންގެ ފުލެޓު

  • 3 - ޓަވަރު
  • 3 ކޮޓަރީގެ 330 ފުލެޓު
  • 20 ޕެންޓް ހައުސް

ފުލުހުންގެ ފުލެޓު

  • 3 ޓަވަރު
  • 3 ކޮޓަރީގެ 361 ފުލެޓު
  • 20 ޕެންޓް ހައުސް

ސިފައިންނާއި ފުލުހުންގެ ޖުމުލަ 691 ފުލެޓު ނުނިމި އެތައް އަހަރެއް ހޭދަވަނީއެވެ. އެތަން އެހެން އޮއްވާ، ބުރިޖަކުން މާލެއާއި ހުޅުމާލެ ގުޅާލާ، ހުޅުމާލެ ވަރުގެ އެހެން ބިމެއް ހިއްކާ، އެތަނުގައި 25 ބުރީގެ 16 ޓަވަރު ވެސް އަޅައިފިއެވެ. ނުވިތާކަށް މާލޭގައި 25 ބުރީގެ ހޮސްޕިޓަލެއް ވެސް އަޅައިފިއެވެ.

"ތެދު ތެދައް ބުންޏާ މިހާރު މިތިބީ އުންމީދު ކެނޑިފައި. ކޮންމެ ބަޔަކު ވެސް ވެރިކަމަށް އަންނަ ގޮތަށް ބުނޭ މިވެނި އެވެނި ތާރީހެއްގައި ނިންމާނަމޭ. އެކަމަކު، އަޅުގަނޑުމެން މިއުޅެނީ ކުރިން ވެސް އުޅުނު ހާލުގައި." ފުލެޓު ލިބުނު މީހަކު ކިޔައިދިނެވެ.

އެމީހުން ކިޔައިދިން ގޮތުގައި ފުލެޓު ލިބުނުކަން ރަސްމީކޮށް އެންގުމާއި ފަހުގައި ފުލެޓު ލިބުނު އެންމެންގެ އަތުން މިހާރު ވަނީ ޑައުންޕޭމަންޓަށް ވާ ފައިސާ ވެސް ނަގާފަ ނިންމައިފައެވެ.

"ޑައުން ޕޭމަންޓް ދެއްކި ފަހުން ވެސް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވާނެ." އެމީހާ ބުންޏެވެ.

ފުލެޓު ލިބުނު އެކި ފަރާތްތަކުން އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އެ ފުލެޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި މަދުވެގެން 50 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.

މަޝްރޫއު ފެށީ ފައިސާ ހަމަނުޖައްސާ!

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއު އެހާ ބޮޑަށް ދިގުލައިގެން ދާ އެއް ސަބަބަކީ މަޝްރޫއު ފެށުމުގައި ވެސް ގޯސްތަކެއް ހުރުމެވެ.

"ހަގީގަތުގައި އެންމެ ބޮޑު މައްސަލައަކީ، އެކަން ފެއްޓިއިރުގައި ފެއްޓި ބަޔަކު ފައްޓާފައި އޮތީ އިންވެސްޓް ކުރާނެ ގޮތެއް ނުހޯދާ. އެހެންވީމާ ފެއްޓީއިރުގައި ސިފައިން އަތުން ނެގި ފައިސާ ވެސް އެންމެ ރަނގަޅަކަށް ނޫން ބޭނުން ކުރެވިގެން ދިޔައީކީ." އޭނާ ވިދާޅުވިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ދިގުލައިގެން ދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަޝްރޫއު ފެށި ނަމަވެސް ބިންގާ އެޅި އަމަލީ މަސައްކަތް ފެށިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.

ފުލެޓުތަކުގެ އަގު:

  • ތިން ކޮޓަރީގެ ފުލެޓުތައް - މަހަކު، 10،000 ރުފިޔާ
  • ލަފާކުރެވޭ ޖުމުލަ އަގު - 3 މިލިއަން ރުފިޔާ
  • ޕެންޓް ހައުސް - މަހަކު، 18،000 ރުފިޔާ
  • ލަފާ ކުރެވޭ ޖުމުލަ އަގު - 4.5 މިލިއަން ރުފިޔާ

އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ފެށީ ސަރުކާރުން ޚަރަދު ކުރާ ގޮތަކަށް ނޫނެވެ.

"ނޫމަޑިއާ އެއްކޮށް އެއްބަސްވުމެއް ހެދީ، ސީއެސްއާރްގެ ދަށުން އެމީހުންނަށް ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް. ދެން އެއަށް ވާވަރަށް އެތަން ނިންމީމަ ބާކީ ބައި ސަރުކާރުން ކޮންޓިނިއު ކުރާ ގޮތަށް" ނާޒިމް ތަފްސީލުކޮށްދެއްވިއެވެ.

އެހެންނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހަމަ އެ ސަރުކާރުން ވަނީ ނޫމަޑިއާއެކު ހެދި އެއްބަސްވުން އުވާލައިފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ފައިސާ ހޯދާނެ ގޮތެއް ނުހޯދާ މި މަޝްރޫއު ފެއްޓި ނަމަވެސް ފަހުން، އެ މަޝްރޫއު ކުރިޔަށް ގެންދިޔައީ ސަރުކާރުން ޚަރަދު ކޮށްގެން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ފުދޭ ވަރަކަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ. ކޮންސްޓްރަކްޝަންގެ ބޮޑުބައި ނިމި، އެތެރެ ހަދަން ފަށާ ހިސާބަށް ދިޔަ." އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަވާލުވީ 2015 ވަނަ އަހަރު، އޭރު އެތަން އޮތީ ހަމަ ހުސްކޮށް. ބިންގާ އަޅަން ވެގެން ތަންތަން ކޮނުނު ގޮތަށް ހުރީ. އަޅުގަނޑުމެންގެ މަސައްކަތުން ހުރިހާ ތަނެއްގެ ކޮންސްޓްރަކްޝަން ހަމަ އެއްކޮށް ނިންމާފައި، ބައެއް ފާރުތައް ހެދުމުގެ މަސައްކަތާއި ހިސާބަށް ގެންދެވުނު. އޭރު ޓާގެޓު ކުރީ 2019ގައި ނިންމަން، އެއީ އޭރު ސަރުކާރުން ފަންޑު ކުރަމުން ދިޔައީ"

ވެގެން އުޅޭ ގޮތް ސާފެވެ. އެއޮށް ބޮޑު މަޝްރޫއު ފެށީ، ފައިސާ ހޯދާނެ ކޮޅެއް މެދެއްވެސް ނުހޯދައެވެ.

ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށްށޭ ބުނާ ބީދާއިން، މި ފުލެޓުތަކުގެ މަސައްކަތް ވެސް ރަނގަޅަށް ފެށިނަމަ މިހާރު ނިމިއްޖެއީހެވެ.

ފުލެޓުތައް ނިންމަން ފަހު ތާރީޚެއް

"ތާރީޚަކަށް ފަހު ތާރީހެއް ދޭ ކޮންމެ ވެރިއެއް ވެސް. އުމުރު ދުވަހު ވެސް ތިޔަތަން ނިމިދާނެ ހެނެއް ހިއެއް ނުވޭ" ފުލެޓުގެ ހައްގުވެރިއަކު ބުންޏެވެ.

ސިފައިންގެ ފުލެޓުތައް ނިންމަން ދާދިފަހުން ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ސަރުކާރުން މިހާރު ވަނީ ހަ ޓަވަރު ނިންމަން ހޭދަވާނެ ފައިސާ ލޯނެއްގެ ގޮތުގައި ހަމަޖައްސަން ވެސް ނިންމައިފައެވެ.

ސިފައިންގެ ފުލެޓުތަކުގެ މަސައްކަތް އަންނަނީ ހަލުވިކޮށް ކުރަމުންނެވެ. ސިމެންތީގެ ހުރިހާ މަސައްކަތެއްހެން ނިމުމަކާ ގާތަށް ވަނީ ގޮސްފައެވެ. މުށި ޖެހުމާއި، ސީލިންގް ކުރުން ފަދަ މަސައްކަތްތައް ވެސް ހުރީ ނިމުމަކާ ގާތަށް ގޮސްފައެވެ.

މިގޮތުން، އެ މަސައްކަތާއި ހަވާލުވި ޗައިނާގެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިފައިންގެ ފުލެޓުތައް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށެވެ.

"ފެންނާނެ މިހުރީ ތަކެތި ވެސް ގެނެވިފައި، މަސައްކަތް މިކުރަނީ ވަރަށް ބާރަށް، ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މިތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވި، އާއިލާތަކާއި ހަވާލު ކުރެވޭނެ." އޭނާ ވިދާޅުވިއެވެ.

އެއާ ހިލާފަށް، ޖެހިގެން ހުރި ފުލުހުންގެ ޓަވަރުތަކުގެ މަސައްކަތް ދަނީ ވަރަށް ލަހުންނެވެ. އެތަނުގެ މަސައްކަތެއް ކުރަން ބަޔަކު ވެސް ނޫޅެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ފުލުހުންގެ ފުލެޓުތަކުގެ މަސައްކަތް މަޑުޖެހިފައިވަނީ އެ މަސައްކަތަށް ކުރިން ހަވާލުކުރި ކުންފުނީގެ މަސައްކަތް ލަސްވުމާއި އަދި، މަޝްރޫއަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.

ކުރިން އެތަނުގެ މަސައްކަތް ކުރަމުން އައީ ފުލުހުންގެ ޕްލްކޯގެ ދަށުންނެވެ. އެކަމަކު، މިހާރު އެ މަސައްކަތް ކުރިޔަށް ދަނީ ޕްލޭނިން މިނިސްޓްރީގެ ދަށުން، މެއިން ކޮންޓްރެކްޓަރަކަށް އަމީން ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްގެންނެވެ.

"މި މަސައްކަތުގައި އެބަ އޮވޭ ސަބް ކޮންޓްރެކްޓަރެއް ވެސް، އެއީ ކުރިން މި މަސައްކަތް ދީފައި އޮތް ބައެއް. ކުރިން އެ މީހުންނާއެކު އެއްބަސްވުމެއް އޮތީމަ އެ އޮނާ [އިޙްތިރާމު] ކުރަން ވެގެން އެމީހުންނަށް ދިނީ. އެއްބަސްވުން ބާތިލު ކުރީމަ މައްސަލަތަކެއް ނުކުންނާތީ. ދެން އެމީހުންގެ މަސައްކަތާ ހެދި މި މަސައްކަތް ލަސްވަނީ" އަކްރަމް ވިދާޅުވިއެވެ.

"ދެން ވޭރިއޭޝަނެއް ވެސް އައި. އެ އެޕްރޫވް ކުރުމުގައި ވެސް ވަރަށް ގިނަ ދުވަސް ނެގި. އެކަމަކު، މާޗު މަހުގެ ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ"

އޭނާ ވިދާޅުވީ މަސައްކަތް ލަސްވެގެން ދަނީ އެފަދަ އިދާރީ މައްސަލަތަކެއް ވެސް ހުރުމުން ކަމަށެވެ. އަދި، ހުއްޓުމެއް ނެތި ފުލުހުންގެ ފުލެޓުތަކުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށެވެ.

އެކަމަކު، އަކްރަމް އެފަދައިން ވިދާޅުވި ނަމަވެސް ފުލުހުންގެ ފުލެޓުތަކުގެ މަސައްކަތް މިވަގުތު ހުރީ ހުއްޓިފައެވެ. އެ ސަރަހައްދުގައި މާ ބޮޑު މަސައްކަތެއް ކުރިޔަކަށް ނުދެއެވެ.

އެތަނުގެ ސިމެންތީގެ ގިނަ މަސައްކަތްތަކެއް ވެސް ފުރިހަމަނުކޮށް ހުރީއިރު، ސީލިންގް ކުރުމުގެ މަސައްކަތް ވެސް އަދި ފަށާފައެއް ނުވެއެވެ. މާޗު މަހުގެ ނިޔަލަށް އެތަން ނިންމާނެ ކަމަށް މިނިސްޓްރީން ވިދާޅުވި ނަމަވެސް އެތަނުގައި ހުރި މަސައްކަތްތައް ފުރިހަމަ ކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ފުލެޓުތައް ނިންމަން ލަސްވެއްޖެކަން އެންމެން ވެސް ގަބޫލުކުރެއެވެ. ފެށުމުގައި ހަދައިފައި ހުރި ގޯސްތަކެއްގެ ސަބަބުން އެތައް އާއިލާއެއްގެ ހައްގުތައް ގެއްލި، ސަރުކާރުތަކާއި، އެ އާއިލާތަކަށް ތުރާލަކަށް ވެއްޖެއެވެ. އެތަން ނިންމަން ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ.

comment ކޮމެންޓް