ފުލުހަކަށް މަރުގެ އިންޒާރު ދިން ޒުވާނަކު ހައްޔަރު ކޮށްފި

ފުލުހަކަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި އިއްޔެ ވަނީ މީހަކު ހައްޔަރު ކޮށްފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހަކަށް މަރުގެ އިންޒާރު ދިން ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މާލޭގައި ފުލުހަކަށް މަރުގެ އިންޒާރުދިން އުމުރުން 30 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ.

ކުށުގެ ރިކޯޑް ގިނަ އެ ޒުވާނާ ވަނީ މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކުގައި ހައްޔަރު ކޮށްފައެވެ.

މަރުގެ އިންޒާރުދޭ މައްސަލަތަކުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލަށް އޮންނާނެއެވެ.

ފުލުހުންނަށް އިންޒާރު ދިނުމާއި، ހަމަލާ ދިނުމުގެ މައްސަލަތައް މާލޭގައި ދޭތެރެ ދޭތެރެއިން ހިންގައެވެ. ދާފި ފަހުން ވަނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ޑީއީޑީގެ ތިން ފުލުހަކަށް މަޖީދީމަގު ޔޫރޯ ސްޓޯރު ސަރަހައްދުން ހަމަލާދީފައެވެ. އެ މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކުރިއެވެ.

comment ކޮމެންޓް