ކެންސަރަށް ފަރުވާ ހޯދަމުންދާ ޕެލޭގެ ހާލު ގޯސްވަނީ

ޕެލޭ---

ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޕެލޭގެ ހާލު ގޯސްވަމުން އަންނަ ކަމަށް އޭނާއަށް ފަރުވަދޭ ޑޮކްޓަރުންނާ ހަވާލާދީ މިޑީއަތަކުން ރިޕޯޓުކޮށްފިއެވެ.

ޕެލޭއަށް ކެންސަރު ޖެހުނުކަން ދެނެގަނެވުނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ އެ ދުވަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދުމަށް ކީމޯ ތެރަޕީ ނަގަމުން އަންނައިރު، ހާލު ދެރަވެ ޑިސެމްބަރު މަހުގެ ކުރީކޮޅު އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިއެވެ.

ހޮސްޕިޓަލުގައި ޕެލޭ އެޑްމިޓު ކުރީ، މުޅި ހަށިގަނޑު ދުޅަވެ، ގައިގައި ރިއްސާތީއެވެ. އަދި އެއިރު އޭނާއަށް އަމިއްލައަށް ކަންކަން ނުކުރެވޭ ކަމަށާއި، އަމިއްލައަށް ނުވެސް ކެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުގައި، ޕެލޭގެ ހިތުގެ ހިނގުން ވަރަށް ބޮޑަށް ދައްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ފަހުން މި މަހުގެ ތިން ވަނަ ދުވަހު އޭނާ އެޑްމިޓް ކޮށްފައި އޮތް ސައޮ ޕައުލޯގެ އެލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ވަނީ، އޭނާ ޕެލިއޭޓިވް ކެއާއަށް ބަދަލުކޮށްފައެވެ.

ޕެލިއޭޓިވް ކެއާއަކީ، ބައްޔަށް ދޭނެ އިތުރު ފަރުވާއެއް ނެތުމުން، ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރުމަށް، މަރުވަންދެން ބޭއްވުމެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕެލޭ ޕެލިއޭޓިވް ކެއާއަށް ބަދަލުކުރީ، އޭނާގެ ހަށިގަނޑު ކީމޯ ތެރެޕީއަށް ރެސްޕޮންޑު ނުކުރާތީއެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަ ވަނަ އަހަރު ބްރެޒިލްގެ ސައު ޕައުލޯއިން ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށި ޕެލޭ އަކީ، ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސައޮ ޕައުލޯއަށް ކުޅުނު 636 މެޗުގެ ތެރެއިން 618 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ ކުޅެން ފެށީ 1957 ވަނަ އަހަރުއެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 1971 ވަނަ އަހަރުއެވެ. އެ މުއްދަތުގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޖޯޒީގައި 92 މެޗު ކުޅެދީ 77 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

ޕެލޭ ވަނީ ބްރެޒިލްއާއެކު ތިން ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް