ވޯލްޑް ކަޕުގެ ކަވަރޭޖްގައި ބައިވެރިވި ފަރާތްތަކާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މިރޭ ސިމްފަޮނީ ރެސްޓޯރަންޓުގައި ބޭއްވި ހަފްލާގެ ތެރެއިން --ފޮޓޯ/ސާއިމް

ފީފާ ވޯލްޑް ކަޕް 2022ގެ ރާއްޖޭގެ ކަވަރޭޖުގައި ބައިވެރިވި ޕްރެޒެންޓަރުންނާއި އެނަލިސްޓުންނާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ސިމްފޮނީ ރެސްޓޯރެންޓުގައި މިރޭ ބޭއްވި މި ފަރިއްކޮޅުގައި، ރާއްޖޭގައި ވޯލްޑް ކަޕުގެ ކަވަރޭޖް ގެނެސްދިން ހުރިހާ ޓީވީ ޗެނަލްތަކެއްގެ ޕްރެޒެންޓަރުންނާއި، ޕްރީ/ޕޯސްޓް ޝޯގައި ބައިވެރިވި އެނަލިސްޓުން ބައިވެރިވިއެވެ.

މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ، ވޯލްޑް ކަޕުގެ ސަބަބުން މުޅި ގައުމު އެއްބައިވަންތަ ކުރުވިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ފުޓުބޯޅައަށް އޮތް ޝައުގާއި ލޯބި، އިތުރުވެގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭ ސިމްފަޮނީ ރެސްޓޯރަންޓުގައި ބޭއްވި ހަފްލާގެ ތެރެއިން --ފޮޓޯ/ސާއިމް

ކަވަރޭޖް ގެނެސްދިން ޗެނަލްތަކުގެ ޕްރެޒެންޓަރުންނާއި އެނަލިސްޓުންނަށް ނައިބު ރައީސް ފަރިއްކޮޅެއް ދެއްވިއިރު، އެމަނިކުފާނަކީ ވޯލްޑް ކަޕުގެ ކުރިން ވެސް އަދި ވޯލްޑް ކަޕުގެ ދުވަސްވަރުގައި ވެސް ފުޓުބޯޅައާ ގުޅުންހުރި ގިނަ ހަރަކާތްތަކެއްގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖެއަށް ޓީވީގެ ޚިދުމަތް ދޭން ފެށުމުގެ ކުރީން، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގެ މެޗްތައް ވަގުތުން ބޮޑު ސްކްރީނުގައި ފުވައްމުލަކުގައި ބެލޭނެ އިންތިޒާމް އެމަނިކުފާނު ހަމަޖައްސަވައިދެއްވިއެވެ. އެ ވޯލްޑްކަޕަށް ފަހުވެސް، ފުވައްމުލަކުގެ އެކި ހިސާބުތަކުގައި ކޮންމެ ވޯލްޑް ކަޕެއްގައިވެސް ރައްޔިތުންނަށް މެޗު ބެލުމުގެ އިންތިޒާމް އެމަނިކުފާނު ގެންދަވަނީ ހަމަޖައްސައި ދެއްވަމުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލު މެޗަށް ހާއްސަ ހަރަކާތެއް ވެސް، އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ފުވައްމަލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، މި ހަރަކާތުގެ ތެރެއިން އަގުހުރި އެތައް އިނާމެއް ވެސް، ހަރަކާތުގައި ބައިވެރިވެ، މެޗު ބަލަން ދިޔަ ފަރާތްތަކަށް ލިބުނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކުރިން އިއުލާން ކުރެއްވުމަކާ ނުލައި ނައިބު ރައީސް ހުށަހެއްޅުވި އިނާމެއް ކަމަށްވާ އުމްރާ ދަތުރެކެވެ.

ނައިބު ރައީސް އަރިހުގައި ފައިނަލް މެޗު ބަލައިގެން އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔާ --

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ، ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބޮޑު ސްކްރީން ބަހައްޓާފައިވާ ސަރަހައްދަށް ވެސް ވަޑައިގެން، އާންމުންނާއެކު ވޯލްޑް ކަޕުގެ ބައެއް މެޗުތައް ބައްލަވާފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗާއި، އާޖެންޓީނާއިން ކުޅުނު މެޗެއް ވެސް އެމަނިކުފާނު ވަނީ އެ ސަރަހައްދުގައި ބައްލަވާފައެވެ. ނައިބު ރައީސް އަކީ އާޖެންޓީނާއަށް ސަޕޯޓު ކުރައްވާ ބޭފުޅެކެވެ.

ހުޅުމާލޭ ޓްރެކް ދަނޑުގައި މެޗު ބައްލަވަން ނައިބު ރައީސް ފައިސަލް ނަސީމް (ފޮޓޯ/އެޗްޑީސީ)

ރާއްޖޭގެ ތިން ޗެނަލްއަކުން ވޯލްޑް ކަޕުގެ މެޗުތައް ދެއްކިއިރު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޔެސް ޓީވީން ގެނެސްދިން ޕްރީ ޝޯއެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި މެކްސިކޯ ބައްދަލުކުރި މެޗުގައެވެ.

ނައިބު ރައީސް ޔެސް ޓީވީގެ ޕްރީ ޝޯގައި. --- ފޮޓޯ: ޕީއެސްއެމް

ޔެސް ޓީވީގެ އިތުރުން މީޑިއާ ނެޓުގެ "އައިސް"ގެ ޗެނަލްތަކުންނާއި، ރާއްޖެ ޓީވީން މުބާރާތުގެ ޓީވީ ކަވަރޭޖް ގެނެސްދިންއިރު، މުބާރާތް ކުރިއަށްދިޔަ ދުވަސްތަކުގައި މި ޗެނަލްތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައެވެ. ކޮންމެ ޗެނަލްއަކުން ވެސް މަސައްކަތްކުރީ ދެން އޮތް ދެ ޗެނަލަށްވުރެ ފުރިހަމައަށް، ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް މި ކަވަރޭޖް ގެނެސްދިނުމަށެވެ.

ވޯލްޑް ކަޕު ނިމުމާއެކު މި ވާދަވެރިކަން ނިމި، މިރޭގެ ޖާފަތުގައި ފެނިގެންދިޔައީ، ހުރިހާ ޕްރެޒެންޓަރުންނާއި އެނަލިސްޓުން ވެސް ވަރަށް އެކުވެރި މާހައުލެއްގައި ހިޔާލު ބަދަލުކޮށް، މި ކަވަރޭޖުގެ ތެރެއިން އެ މީހަކަށް ކުރެވުނު ތަޖުރިބާ ހިއްސާކުރި މަންޒަރެވެ.

މިރޭގެ ޖާފަތުގައި، ނަވާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ވޯލްޑް ކަޕުގެ ކަވަރޭޖް ގެނެސްދިންއިރު، އެ ކަވަރޭޖުގެ ޕްރޮޑިއުސަރުންނާއި، ޕްރެޒެންޓަރުންގެ އިތުރުން އެނަލިސްޓުން ވެސް މިރޭގެ ޖާފަތުގައި ބައިވެރިވިއެވެ.

މިރޭ ސިމްފަޮނީ ރެސްޓޯރަންޓުގައި ބޭއްވި ހަފްލާގެ ތެރެއިން --ފޮޓޯ/ސާއިމް

މި ސަރުކާރުން، ހާއްސަ ގޮތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ފާހަގަކުރެވެނީ ކުޅިވަރު ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވައި، ނޫސްވެރިން ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާ ބޭފުޅުންތަކެއްގެ ގޮތުގައެވެ.

comment ކޮމެންޓް