ކުރިއަށް އޮތް 24 ގަޑިއިރު އިމިގްރޭޝަން ޕްރޮސެސް ލަސްވެދާނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް 24 ގަޑިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމިގްރޭޝަން ޕްރޮސެސް ލަސްވެދާނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ކައުންޓާ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެރައިވަލް ޓާމިނަލްގައި އިމިގްރޭޝަންގެ ޕްރޮސެސް ލަސްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު "ސަން އަށް ވިދާޅުވީ، އެއާޕޯޓުގެ އިންޓަނޭޝަލަ އަރައިވަލް ޓާމިނަލް ގައި ހުރި ކައުންޓަރުތައް އިތުރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި، މާދަމާ ހެނދުނު މި މަސައްކަތް ނިންމާލެވޭނެ ކަމަށާއި، ކައުންޓަރުތައް އަޕްގްރޭޑް ކުރުމުން، އިމިގްރޭޝަން ޕްރޮސެސް އަވަސްވެ، ޕަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވީއައިއޭއިން ޚިދުމަތް ހޯދި ޕަސިންޖަރުންގެ އަދަދު މިއަހަރު އިތުރުވެފައިވާކަން އެމްއޭސީއެލް އިން ފާހަގަކުރެއެވެ. އެކުންފުނިން ބުނީ، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވީއައިއޭއިން ޚިދުމަތް ހޯދި ޕަސިންޖަރުންގެ އަދަދު 20 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު 1.4 މިލިއަން ޕަސެންޖަރުން ވީއައިއޭއިން ހިދުމަތް ހޯދާފައިވާއިރު މި އަހަރު އެ އަދަދު ދެ މިލިއަނަށް އަރާނެ ކަމަށް އެމްއޭސީއެލް އިން އަންދާޒާކުރެއެވެ.

comment ކޮމެންޓް