ދޮވެމި ފިހާރަ ބަންދުކުރަން އެމްއޭސީއެލްއިން ނިންމައިފި

ދޮވެމި އެރައިވަލް ޝޮޕް --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލުގެ އެރައިވަލްގައި ހިންގަމުން އަންނަ ޑިއުޓީ ފްރީ ފިހާރަ، "ދޮވެމި އެރައިވަލް ޝޮޕް" ބަންދުކުރަން, މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމަފިިއެވެ.

އެމްއޭސީއެލް އިން އެ ފިހާރަ ބަންދު ކުރަން ނިންމާފައިވަނީ އެރައިވަލް ޓާމިނަލް ބޮޑު ކުރަން ކަމަށް އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު ވިދާޅުވިއެވެ.

"ޓާމިނަލް ބޮޑު ކުރުމަށް އެ ފިހާރަ ބަންދު ކުރަނީ. އިތުރު ތަނެއްގައި އެ ފިހާރަ ހުޅުވުމުގެ ޑިޒިޝަން ނަގާނީ މެނޭޖްމެންޓުން،" ޝަމްއާން ވިދާޅުވިއެވެ.

ދޮވެމި ފިހާރައިން ދާދި ފަހުން ވަނީ 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެ ޕްރޮމޯޝަނަކީ އެތަނުގެ ސްޓޮކް ހުސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް، ޝަމްއާން ވިދާޅުވިއެވެ.

މިހާރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިން އެއްފަހަރާ 700-900 އަށް މީހުންނަށް އެކޮމޮޑޭޓް ކުރެވޭއިރު، ޓާމިނަލް ބޮޑު ކޮށް ނިމުމުން އެ އަދަދު މަތިވެ، ޚިދުމަތް ދިނުމުގައި ބޮޑުތަނުން ފަސޭހަ ވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ދޮވެމި އެރައިވަލް ޝޮޕް ވުޖޫދަށް އައީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ފިހާރަ ޚާއްސަކޮށްފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި، ސެންޓާއި، އައިނުގެ ބާވަތްތަކާއި އަދި އަތުކުރި ގަޑި ފަދަ އުފެއްދުންތައް ޢާންމުންނަށް ވިއްކުމަށެވެ. މި ފިހާރައިން ފަހަކުން އައިސް ޗޮކުލެޓުގެ އެކި ބާވަތްތައް ވެސް ވިއްކަމުން އައެވެ.

comment ކޮމެންޓް