ވޯލްޑް ކަޕްގައި ވިދާލި ކުޑޫސްއަށް ޔުނައިޓެޑުން ފާރަލަނީ

މުހައްމަދު ކުޑޫސް---

ފީފާ ވޯލްޑްކަޕްގައި ގާނާއިން ވިދާލި ޒުވާން ފޯވާޑް މުހައްމަދު ކުޑޫސްއަށް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ފާރަލާން ފަށައިފިއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ސީޒަނުގެ ބާކީ އޮތް ބަޔަށް ޔުނައިޓެޑު ވަރުގަދަ ކުރުމަށް އެ ޓީމުން ދަނީ ކުޑޫސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 22 އަހަރުގެ ކުޑޫސް އަކީ އަޔެކްސްއަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އަޔެކްސްއަށް 10 ގޯލު ޖަހައިދީފައެވެ. މީގެއިތުރުން ވޯލްޑްކަޕްގައި ކުޑޫސްގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

އޭނާ ވަނީ މި ވޯލްޑްކަޕްގައި ގާނާއަށް ދެ ގޯލު ޖަހައިދީފައެވެ. މިހާތަނަށް ވޯލްޑްކަޕްގައި ކުޑޫސް ކުޅުނު 21 މެޗުގައި އޭނާ ވަނީ ހަތް ގޯލު ޖަހައިފައެވެ.

ވޯލްޑްކަޕްގައި ޕޯޗުގަލްއިން ކުޅުނު ފުރަތަަމަ މެޗު ފެށެން 24 ގަޑިއިރަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ވަނީ އެ ޓީމުން ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އުވާލިކަން ހާމަކޮށްފައެވެ.

މިކަން ހާމަކޮށް މެންޗަސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މި ދެ ފަރާތުން ވާހަކަދެކެވިގެން ދެ ފަރާތުގެ ރުހުމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

އެހެންކަމުން އެ މަގާމަށް ކުޅުންތެރިއަކު ހޯދުމަށް ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވޯލްޑްކަޕަށް ފުޓުބޯޅަ ސީޒަން މެދު ކަނޑާލިއިރު ޔުނައިޓެޑު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނައިގައެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއްވަނަ މަގާމުގައި އޮތީ ވެސް ޔުނައިޓެޑެވެ.

comment ކޮމެންޓް