ދުވާފަރު ކައުންސިލް އޮޑިޓް: ބިޑު ކުރުމެއްނެތި އެކަނިވެސް 2.4 މިލިއަން ރުފިޔާ ޚަރަދުކުރި

ރ.ދުވާފަރު ކައުންސިލް

ރ. އަތޮޅު ދުވާފަރު ކައުންސިލުން މިދިޔަ އަހަރު މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް މިލިއަން ރުފިޔާގެ މުއާމަލާތްތައް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ "ދުވާފަރު ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް"ގައި ވާގޮތުން އެ ކައުންސިލުން ވަނީ މާލިއްޔަތު ގަވާއިދަށް ބެލުމެއްނެތި ފައިސާގެ އެތައް މުއާމަލާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

އެ ރިޕޯޓަށް ބަލާއިރު، ދުވާފަރު ކައުންސިލުން ވަނީ ބިޑް ކުރުމެއްނެތި އަދި ބިޑް ކޮމިޓީއަށް އެންގުމެއް ނެތި 2.4 މިލިއަން ރުފިޔާގެ ޚަރަދުކޮށްފައެވެ. މާލިއްޔަތު ގަވާއިދު ބުނާގޮތުން 35،000 ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ އާއްމު އިއުލާނަކަށްގޮސް ބީލަމަށް ހުޅުވާލަން ޖެހެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، މުދަލަށް އޯޑަރުކުރާ ފޯމު ފުރިހަމަކުރުމެއްނެތި 1.6 މިލިއަން ރުފިޔާގެ ތަކެތި ހޯދާފައިވުން ހިމެނެއެވެ. އެހެންކަމުން އޯޑަރުކުރި ތަކެތި ކައުންސިލް އިދާރާއަށް ލިބުނުކަމާއި، ލިބުނު ތަކެތި އެ އިދާރާއަށް ބޭނުންކުރެވޭ ފެންވަރުގައި ހުރިކަން ލިޔެކިޔުމުން ކަށަވަރު ކުރެވިފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލަހައްޓާފައި ނުވުމާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރަމުން ނުދާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ކައުންސިލްގެ ތިޖޫރީން ނަގާފައިވާ 242،000 ރުފިޔާ ޚަރަދުކުރި ގޮތް އެނގެން ނެތުމާއި، އޭގެ ތެރެއިން 130،000 ރުފިޔާ ކައުންސެލަރަކާ ހަވާލުކުރިކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ވެސް ޚަރަދުކުރިގޮތް އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ކައުންސިލްގެ ސްޓޮކް ރަނގަޅަށް ބަލަހައްޓާފައި ނުވާއިރު، ހަރުމުދަލުގެ ރަޖިސްޓްރީވެސް ގަވާއިދުން ބަލަހައްޓާފައެއް ނުވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ކައުންސިލަރުން ކުރި ދަތުރުތައް ސައްހަ ނުވުމާއި ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ އަހަރު ދުވާފަރު ކައުންސިލުން އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައިވެސް ވަނީ އިހުމާލުވެފައެވެ. އެހެންވުމުގެ ސަބަބުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅާފައެއް ނުވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ އަދި ޖުލައިމަހު ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. މި ބައްދަލުވުންތަކުގައި ކައުންސިލްގެ އަހަރީ ރިޕޯޓްތައް ހުށަހަޅަން ޖެހެއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމުގެ ސަބަބުން މިދިޔަ މަހު، ދުވާފަރުގެ ހުރިހާ ކައުންސިލަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ކައުންސިލް ހިންގުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާ ހަވާލުކުރި ނަމަވެސް އޭނާވެސް ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭތީ ވަނީ ސަސްޕެންޑުކޮށްފައެވެ.

އެއީ ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމީހުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކުރި ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ހާމަވުމާ ގުޅިގެންނެވެ.

comment ކޮމެންޓް