ކޮރަޕްޝަންގެ ސަބަބުން ކެމަރޫނަށް ގެއްލުނު ފުޓުބޯޅަ ތަރި

ކިލިއަން އެމްބާޕޭ --ފޮޓޯ/ގެޓީ އިމޭޖަސް

ކޮރަޕްޝަން ނުވަތަ ނުފޫޒު ބޭނުންކޮށްގެން ފައިސާ ނުވަތަ އެހެން މަންފާތައް ހޯދުމުގެ ބޭނުމުގައި ކުރާ ކަންކަމުގެ ސަބަބުން އެކަމުގެ ގެއްލުން ލިބޭ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ.

ހާރިޖީ ބޮޑެތި މައްސަލަތަކުގެ އެއް އަސްލަކީ ކޮރަޕްޝަނެވެ. އެކި ދާއިރާތައް އަޑިއަޅާލައި، "އިނދަޖެހުމުގެ" ފަހަތުގައި ވެސް ކޮރަޕްޝަންގެ ދައުރު ބޮޑެވެ.

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ޝައުގު ހުއްޓިފައިވާ ކުޅިވަރު، ފުޓުބޯޅަ އަކީ ވެސް އެ ކުޅިވަރެއްގައި ކޮރަޕްޝަންގެ ވަކިތައް ހިއްޕާލާފައިވާ ކުޅިވަރެކެވެ. އޭގެ އެއް މިސާލަކީ، 1998 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކެވެ.

މައި ޖަމިއްޔާގައި މިފަދަ މައްސަލަތަކެއް ހުރިއިރު، ސަރަހައްދީ ފެންވަރުގައި އަދި ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަނުގައި މިފަދަ މައްސަލަތައް އަދި މާ ގިނަވާނެ ކަމާމެދު ޝައްކެއް ނެތެވެ.

އެގޮތުން މި ބަލާލަނީ، ދުނިޔޭގައި މިވަގުތު ހުރި ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ތަރި، ކިލިއަން އެމްބާޕޭ، ކެމަރޫންގެ ޖާޒީގައި ނުފެނި ފްރާންސްގެ ޖާޒީގައި ފެންނަން ޖެހުނު ސަބަބަށެވެ.

މިވަގުތު ފުޓުބޯޅައިގެ އެންމެ ވިދުންގަދަ، އެންމެ އަލިގަދަ ތަރިއަކީ އުމުރުން 23 އަހަރުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭއެވެ. އެމްބާޕޭގެ ބައްޕައަކީ ކެމަރޫންގެ ރައްޔިތެކެވެ.

ދެހާސް އަށާރަ ވަނަ އަހަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭގެ ބައްޕަ ވިލްފްރްރީޑް އެމްބާޕޭ ބުނެފައިވާ ގޮތުގައި، އޭނާ އެންމެ ފުރަތަމަ ބޭނުންވީ އެމްބާޕޭ ކެމަރޫންގެ ގައުމީ ޓީމަށް ކުޅުމަށެވެ.

އެ ފުރުސަތު އެމްބާޕޭއަށް ހޯދައިދިނުމަށް ވިލްފްރީޑް ކެމަރޫންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކާ ވާހަކަދެއްކި ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ އޮފިޝަލް ބުނީ އެމްބާޕޭ ގައުމީ ޓީމުގައި ހިމަނަން ބޭނުންވާ ނަމަ، އެ އޮފިޝަލަށް އިނާމެއްގެ ގޮތުގައި ފައިސާ ދިނުމަށެވެ. ކުރުގޮތަކަށް ބުނާނަމަ ރިޝްވަތެއް ދިނުމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕުގައި ކުޅެ، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދުމާއި، މި އަހަރުގެ ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދުމުގެ އިތުރުން، ފުޓުބޯޅައިގައި އެތައް ކާމިޔާބީއެއް އެމްބާޕޭ މިވަނީ ހޯދާފައެވެ.

އެދުވަހު ރިޝްވަތުގެ ވަބާއިން ކެމަރޫންގެ ފުޓުބޯޅަ ސަލާމަތްވެފައި އޮތްނަމަ، މިއަދު އެފަދަ ތަރިއަކު ކުޅޭނީ ކެމަރޫންގެ ޓީމަށެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާ ހުންނާނީ އެފްރިކާ ބައްރުގެ ގައުމީ ޓީމެއްގެ ޖާޒީގައެވެ.

މިއީ ކޮރަޕްޝަންގެ ސަބަބުން އެފްރިކާއަށް، ޚާއްސަ ގޮތެއްގައި ކެމަރޫނަށް ފުޓުބޯޅައިގެ ތަރިއެއް ގެއްލުނު ގޮތެވެ.

comment ކޮމެންޓް