ކުދިން ރަޖިސްޓަރީ ކުރުން ލަސްކޮށްފިނަމަ 10،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަނީ

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ، ނުކުރި ސަބަބަށް ރިޔާއަށްކޮށް 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީ ކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ނުކުރި ސަބަބަށް ރިޔާއަށްކޮށް 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަން ފަށައިފިއެވެ.

އެކަން ކުރަން ފަށާފައި ވަނީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އެ ބިލަކީ، މިދިޔަ މަހުގެ 28ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީ ކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރާ ގާނޫނެވެ.

އެ ގާނޫނުގައި ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ވެސް ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ގޮތުގެ ތަފްސީލު ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް، މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލެއް ގެނައުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމާއި ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ އެފަދަ ކަމެއް ކުރާ މީހުންނަށް އަދަބު ކަނޑައަޅާފައިވެއެވެ.

އެގޮތުން އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު އެފަދަ ކަމެއް ކޮށްފިނަމަ 15،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އަދަބު ކަނޑައަޅާފައިވެއެވެ.

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށްޓަކައި އެ ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ގައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

އެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެއާއެކު މިއަދު އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނާއި އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު" އުވުނީއެވެ.

comment ކޮމެންޓް