ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކުރާ ތަހުގީގުގެ ރިޕޯޓު އަންނަ ފެބްރުއަރީގެ ކުރިން ނިންމޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު މިހާރު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައެވެ. ނަމަަވެސް އަދިވެސް އެ ރިޕޯޓު ހާމަކުރެވެން ނެތްކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ފެށޭ މަހު ނިންމޭތޯ. އެހެން ނުވެއްޖެނަމަ މުޅި ތަހުގީގު ރިޕޯޓު ފެބްރުއަރީ މަހުގެ ތެރޭ ޕީޖީ [ޕްރޮސެކިއުޓާ ޖެނެރަލް]ގެ އޮފީހަށް ފޮނުވާލެވޭނެކަމަށް،" އެންއައިސީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވިއެވެ.
މިހާރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުން ގިނަ ބައެއްގެ ބަޔާންތައް ވެސް ނަގައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންނަށް މި ތަހުގީގުގައި އާއިލާގެ ބަހެއް ހޯދަންޖެހޭ ކަމެއް ފާހަގައެއް ނުވޭ. އެ ކަން ކުރަން ޖެހިއްޖެނަމަ އެ ކަން ކުރާނަން،" އެންއައިސީގެ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އެ ރިޕޯޓު ލަސްވެ، އާއިލާއަށް އަދިވެސް ޕޯސްޓްމޯޓަމް ރިޕޯޓު ނުލިބުމަކީ އެ އާއިލާގެ ކަންބޮޑުވުމެކެވެ.
"އަޅުގަނޑުމެން އަދިވެސް ވަރަށް ކަންބޮޑުވޭ މި މިހާ ލަސްވާތީ. ފުރަތަމަ ބުނި ޕޯސްޓްމޯޓަމް ރިޕޯޓު ވެސް އަދިވެސް ނުދޭނެކަމަށް އެ ބުނަނީ. ކޮބައިތޯ ވާނުވާ ނޭނގޭ މަރުތަކާއި މި ކަންކަން ހޯދަން ބުނި ކޮމިޝަން ވެސް. މިއީ އަދި ހަމަ ސާފުކޮށް އެނގޭ ކަމެއް،" ރަޝީދުގެ ބޮޑުބޭބެ އަބްދުﷲ ޝަރީފް ބުންޏެވެ.
އަބްދުﷲ ރަޝީދު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.
ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ.