މީގެ ހަތް އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޒިޔަދަމްގެ ފަލަމަސްގަނޑަށް, އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ.
އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމާފައެވެ. ނަމަވެސް ޝިފާމްގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ބުނާ ގޮތުން އުފުލާފައިވާ ދައުވާ ސާބިތު ނުވި ނަމަވެސް, އެހެން ކުށެއް ކުރި ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެ އެ ކުށުގެ ރުކުންތައް ސާބިތުވާ ނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.
އެހެންކަމުން ހުށަހަޅާފައިވާ ހެއްކަށް ބަލައި ޝިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ސާބިތުވެފައެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އަދި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން ދިހަ ދުވަސްތެރޭގައި ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ކަން ހިނގި ގޮތް
ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި, ޒިޔަދަމް އާއި ޝަނޫން އަދި ސިފާމް އަކީ ތިން އެކުވެރިންނެވެ. އެ ހާދިސާ ހިނގާފައި ވަނީ މުންޑޫގައި، ތިން މީހުން އެކުގައި ބަނގުރާ ބޯން ތިއްބައެވެ.
އެގޮތުން ތިން މީހުންގެ ތެރޭގައި މައްސަލަ އުފެދުނީ ޝިފާމްގެ ކޮއްކޮއާ ގުޅޭ ގޮތުން ޒިޔަދަމް ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ޒުވާބުކޮށް އެ ދެ މީހުން މާރާމާރީ ހިންގަން ފެށުމުން އެ ދެމެދަށް ޝަނޫނު ވަދެ ވަޅިއަކުން ޝިފާމްއަށް ހަމަލަ ދިން ކަމަށް ހެކިވެރިއަކު ވަނީ ބުނެފައެވެ.
ވަޅިން ހަމަލަ ދިނުމުން ޒިޔަދަމް ދުވެފައި ގޮސް ވަނީ އެ ރަށު ވަގުތީހިޔާގޭގެ ބަދިގެއަށެވެ. ނަމަވެސް އެތަނަށް ވެސް ޝަނޫނު ވަދެ ޝިފާމްއަށް ހަމަލަދިންއިރު އެކަމަށް އެހީތެރިވެ މަގުފަހިކޮށްދީފައިވަނީ ޝަނޫނު ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.