ސަރުކާރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްވެސް ނުފޫޒު ފޯރުވާނެ: އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، މެމްބަރު އާޒިމް ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މިއަދު އެމްޑީޕީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުން ޕްރައިމަރީގައި ވާދަކުރުމަށް ރުހޭ ޕާޓީގެ 500 މެމްބަރުންގެ ތާއީދާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ފާޅުކުރައްވާފައިވާއިރު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަލީ އާޒިމް އަބަދުވެސް ފާހަގަކުރެވެނީ ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވާ މެމްބަރެއްގެ ގޮތުގައެވެ. އެމްޑީޕީން ޕްރައިމަރީ ބޭއްވުމަށް ކުރި އިއުލާނާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަދައްކަވަމުން އާޒިމް "ސަން" އަށް ވިދާޅުވީ އެމްޑީޕީން މިހާރު ކޮންމެ ކަމެއް ވެސް ކުރަމުން ދަނީ އުސޫލާ ޚިލާފަށް ކަމަށާއި، ޕްރައިމަރީ ބާއްވަން އިއުލާނުކުރީ ރައީސް ނަޝީދަށް ކުރިމަތިލައްވަން ދަތިވާ ގޮތަށް ކަމަށެވެ.

މިއީ އެންމެ ބޮޑު އިންތިޚާބު ސިޔާސީ ޕާޓީއެއްގައި އޮންނާނެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ހޮވުން. މިވަރު ކަމެއް ކުރާއިރު ދެ ކެންޑިޑޭޓުން ނުކުންނާނެ ކަމަށް ބުނީމަ ދެ ކެންޑިޑޭޓުންނާ މަޝްވަރާކޮށްފަ ނޫނީ އިއުލާން ކޮށްގެން ނުވާނެ. އެމްޑީޕީގެ ސެކްރެޓްރިއޭޓަށް އެނގޭނެ ރައީސް ނަޝީދު ރަށުގައި ނޫޅުއްވާކަން. މިތާވެސް ނުހުންނަވަނީސް އަދި މަޝްވަރާ ކުރުމެއްވެސް ނެތި އެކަން ކުރުމަކީ ހުރުތު ހަޑި ކަމެއް. އެއީ މީގެކުރިން އެމްޑީޕީން ކުރި ކަމެއް ނޫން. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މީގެއިތުރުން، އާޒިމް ވިދާޅުވީ ރިޔާސީ ޕްރައިމަރީ ތެރެއަށްވެސް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ރައީސް ނަޝީދަށް ދަތިވާނެ ފަދައިން ކުއްލިއަކަށް ޕްރައިމަރީއަށް އިއުލާން ކުރުމަކީ އެކަމުގެ އެންމެ ބޮޑު ހެކި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ ވަޒީފާތައް އާދަޔާ ޚިލާފަށް ގިނަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ކޮންމެ ކަމެއް އެހާ ހުތުރުކޮށް ކުރަން އުޅުމުގެ ނަތީޖާ މާ ރަނގަޅު ނުވާނެ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު، އެބޭފުޅުންނަށް ތާއީދުކުރައްވާ 500 މެންބަރުންގެ ސޮއި ހިމެނޭ ތާއީދު ފޯމް ވެސް ހުށަހަޅަން ޖެހެއެވެ. މިއަދު ޕްރައިމަރީ އިއުލާން ކޮށްފައިވާއިރު، އަންނަ ހޯމަ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމުކުރާނެއެވެ. ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް