ފީފާ ވޯލްޑް ކަޕް 2022ގެ ތިންވަނަ ހޮވާ މެޗު 2018 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް، ކްރޮއޭޝިއާއިން ހޯދައިފިއެވެ.
ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބު ކުރީ މޮރޮކޯއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅުގައި، ގާތްގާތުގައި ދެ ލަނޑު ފެނިގެންދިޔައެވެ.
އެގޮތުން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ކްރޮއޭޝިއާއިންނެވެ. ފުރަތަމަ ހާފުގެ ހަތްވަނަމިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ. މިއީ ލޫކާ މޮޑްރިޗް ނަގައިދިން ހިލޭ ޖެހުމަކުން ގޯލް އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ޕެރިސިޗް ބޮލުން ޖައްސާލައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގްވާޑިއޯލް ޖެހި ލަނޑެކެވެ.
ލަނޑެއް ޖަހައި ކްރޮއޭޝިއާއިން ލީޑުނެގިތާ ދެ މިނެޓުފަހުން މެޗުގެ ނުވަ ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޝްރަފް ދާރީއެވެ.
ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމުން ކުޅެމުން ދަނިކޮށް، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކްރޮއޭޝިއާއިން ވަނީ ދެވަނަ ފަހަރަށް ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިއީ އޭރިއާ ތެރޭގައި އެހެން ނަމަވެސް ހަނި އޭންގަލްއެއްގައި ހުރެފައި ގޯލުގެ ދުރު ކަނަށް ކީޕަރުގެ ބޯމަތިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިސްލާވް އޮރްސިޗް ކާމިޔާބު ކުރި ލަނޑެކެވެ.
މި ލަނޑުތަކުގެ އިތުރުން، ދެ ޓީމަށް ވެސް މެޗުގައި ލަނޑު ޖަހާނެ ގިނަ، ރަނގަޅު ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މޮރޮކޯ އަތުން ހޯދި ހަނި މޮޅާއެކު ކްރޮއޭޝިއާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ތިންވަނ ހޯދިއިރު، މިއީ އެޓީމުން މިނިވަން ގައުމެއްގެ ގޮތުގައި މި މުބާރާތުގެ ތިންވަނަ ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން 1998 ވަނަ އަހަރު ފްރާންސްގައި ކުޅުނު ވޯލްޑް ކަޕުގެ ތިންވަނަ ހޯދީ ކްރޮއޭޝިއާއެވެ. އެޓީމަށް މުބާރާތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2018 ވަނަ އަހަރު ރަނަރަޕް ކަން ހޯދުމެވެ.
މެޗުން ބަލިވެ މޮރޮކޯއަށް މި ފަހަރުގެ ހަތަރުވަނަ ލިބުނު ނަމަވެސް، މިއީ އެޓީމަށް ބޮޑު ޝަރަފެކެވެ. މިއީ އެފްރިކާ ބައްރުގެ ގައުމަކުން މުބާރާތުގެ ހަތަރުވަނަ ހޯދި ފުރަތަމަ ފަހަރެވެ. އަދި އަރަބި އިސްލާމީ ގައުމަކުން މިވަރުގެ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.