2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ 100 އަހަރުވީ ތާރީޚުގައިވެސް ފެންނާނެ އެންމެ ޚާއްޞަ އަދި އެންމެ ބޮޑު މުބާރާތެވެ. ޔޫރަޕާއި އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ގައުމުތައް ހިމެނޭހެން ތިން ބައްރެއްގެ 6 ގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް ފީފާއިން ވަނީ ނިންމާފައެވެ.
ނަމަވެސް މިވަގުތު މުޅި ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ މުބާރާތުގެ އެންމެ ޝަރަފުވެރި މެޗު ކަމަށްވާ ފައިނަލް މެޗު ބާއްވާނެ ދަނޑަކާމެދު އުފެދިފައިވާ ބޮޑު ވާދަވެރިކަމަށެވެ. މިކަމުގެ ކުރީގައި ތިބީ އުތުރު އެފްރިކާގެ ބާރު މޮރޮކޯ އާއި ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަބާރު ސްޕެއިނެވެ.
މޮރޮކޯއިން ފައިނަލް މެޗު ހޯސްޓުކުރުމަށް ނިންމާފައިވަނީ ކަސަބްލަންކާގެ ބެންސްލިމާނޭގައި އަލަށް ބިނާކުރަމުންދާ "ގްރޭންޑް ސްޓޭޑިއަމް ހަސަން 2" ގައެވެ. ގާތްގަނޑަކަށް 115,000 ސީޓުގެ ބޮޑު ޖާގައާއެކު އިމާރާތްކުރާ މިތަން ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމަށެވެ.
މޮރޮކޯ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ފައުޒީ ލެކްޖާއީ ވަނީ 2010 ގެ ފަހުން އެފްރިކާ ބައްރަށް ވޯލްޑް ކަޕް އެނބުރި އަންނައިރު، ދުނިޔޭގެ އެންމެ ބޮޑު ދަނޑުގައި ފައިނަލް ބޭއްވުމަކީ އެފްރިކާއަށް ލިބެންޖެހޭ ޙައްޤު ޝަރަފެއް ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފައެވެ. މީގެއިތުރުން މޮރޮކޯއިން ދަނީ ރަބާތު، ތަންޖިއާ އަދި މަރާކޭޝް ފަދަ ސިޓީތަކުގެ ދަނޑުތައްވެސް ބޮޑު ހޭދައެއްކޮށްގެން ތަރައްޤީކުރަމުންނެވެ.
އަނެއްކޮޅުން ސްޕެއިނުން ގަބޫލުކުރަނީ މުބާރާތުގެ މައި ހަބަކީ އެގައުމު ކަމަށެވެ. ސްޕެއިންގެ އެންމެ ބޮޑު ކާޑަކީ 1 ބިލިއަން ޔޫރޯއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން އަލުން މަރާމާތުކޮށްފައިވާ 83000 މީހުންގެ ޖާގައިގެ ދަނޑު ކަމަށްވާ މެޑްރިޑްގެ ރަސްމީ ދަނޑު ސަންތިއާގޯ ބާނަބެއު އެވެ.
މީގެއިތުރުން 105,000 ސީޓަށް ބޮޑުކުރަމުންދާ ބާސެލޯނާގެ ކޭމްޕް ނޫ އަކީވެސް ސްޕެއިނުން ހުށަހަޅާފައިވާ ވަރުގަދަ އޮޕްޝަނެކެވެ. ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ފާހަގަކުރާ ގޮތުގައި 2030 ގެ ބިޑު އަސްލު އުފެދިގެން އައީ ސްޕެއިން އާއި ޕޯޗުގަލްގެ އިސްނެގުމާއެކު ކަމަށްވާތީ ފައިނަލް މެޗުގެ ޝަރަފު ލިބެންޖެހޭނީ ޔޫރަޕަށެވެ.
މި ވާދަވެރިކަން މިހާރު ވަނީ ކުޅިވަރުގެ އިމުން ބޭރަށްގޮސް ސިޔާސީ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެފައެވެ. ސްޕެއިންގެ އިދިކޮޅު ސިޔާސީ ލީޑަރު އަލްބާޓޯ ނޫނޭޒް ފޭހޯ ވަނީ ފައިނަލް މެޗު ސްޕެއިނަށް ނުލިބޭނަމަ މުބާރާތް ކޯ ހޯސްޓްކުރުމުން ސްޕެއިން ވަކިވާންޖެހޭނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.
ނަމަވެސް ފީފާއިން ދާދިފަހުން ވަނީ، ފައިނަލް މެޗު ބާއްވާނެ ގައުމެއް ނިންމާފައިވާ ކަމަށް މޮރޮކޯއިން ކުރާ ދައުވާތައް ދޮގުކޮށް، އަދިވެސް ވަސީލަތްތަކާއި ދަނޑުތައް އިންސްޕެކްޓް ކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް ބުނެފައެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ކުޅޭނެ ސްޓޭޑިއަމް ނިންމާނީ ފީފާގެ ކޮންގްރެސްއިންނެވެ. ނަމަވެސް އެ ނިންމުން އަންނަންދެން އުތުރު އެފްރިކާ އާއި ޔޫރަޕްގެ ދެމެދުގައި އުފެދިފައިވާ އަރައިރުން ދާނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ.