އެކުވެރިކަމުގެ ދެވަނަ މެޗުގައި ސިންގަޕޫރު އަތުންވެސް ރާއްޖެ ބަލިވެއްޖެ

ރާއްޖެއާއި ސިންގަޕޫރު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މި މަސް ތެރޭގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ސިންގަޕޫރުގެ ޖަލާން ބެސާރް ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ރާއްޖެއިން ނުކުތީ މެލޭޝިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ 11 އަށް އެއް ބަދަލު ގެނެސްގެންނެވެ. އެގޮތުން މުހައްމަދު ސަޚާއުގެ ބަދަލުގައި މިއަދުގެ މެޗުގައި ފުރަތަމަ 11 ގައި ހިމެނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މި މެޗުގެ ވަރަށް ކުރީކޮޅުގައި ސިންގަޕޫރު ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިލްހާން ފަންޑީއެވެ.

އޭގެ 13 މިނެޓުފަހުން ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ރާއްޖޭގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް މަހްދީ ހުސައިންއެވެ. މިއީ ހަމްޕު ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖެއާއި ސިންގަޕޫރު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/އެފްއޭއެމް

ހަމަހަމަ ނަތީޖާއެއްގައި އޮވެގެން ރާއްޖެއިން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ވެސް ހަތަރު ވަނަ މިނެޓުގައި ސިންގަޕޫރުން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޝަވަލް އަންވަރުއެވެ.

މެޗުގައި ސިންގަޕޫރު ޓީމުން ޖެހި ފަހު ލަނޑު، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީވެސް ޝަވަލް އަންވަރެވެ.

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ކުޅުނީ މެލޭޝިއާއާ ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ 0-3ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާގައެވެ.

comment ކޮމެންޓް