ދިގު އިންތިޒާރަކަށް ނިމުމެއް، ފެބްރުއަރީ ފުރަތަމަ ހަފުތާ އޮލިމްޕަހުން ފިލްމެއް ބަލާލެވޭނެ

އޮލިމްޕަސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މަރާމާތަށްފަހު އޮލިމްޕަސް ހުޅުވާލުމާއެކު، އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އޮލިމްޕަހުން ފިލްމު ބެލޭނެ ކަމަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި އެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކަށް އެތަން އެޑްވާންސްކޮށް ބުކް ކުރުމަށް އާޓްސް މިނިސްޓްރީން މިހާރު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން، އޮލިމްޕަހުގައި ހިމެނޭ ޕްރެކްްޓިސް ރޫމްތަކާއި އޮލިމްޕަސް ހޯލް ބޭނުންވާ ފަރާތްތަކަށް އެތާރީޚުން ފެށިގެން އޮލިމްޕަސް ބުކް ކުރެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ދެހާސް ވިހި ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އޭރު އޮލިމްޕަސް ބަންދު ކުރީ ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދުވެފައިވާ، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އެތަން މަރާމާތު ކުރުމަށެވެ.

އާޓްސް މިނިސްޓްރީން ބުނީ އޮލިމްޕަސް އަލުން ހުޅުވާލާއިރު، ކޮވިޑްގެ ކުރިން ފިލްމު ދެއްކުމަށް ބުކް ކޮށްފައިވާ ޕްރޮޑިއުސަރުންނަށް އިސްކަން ދޭނެ ކަމަށެވެ.

އެމިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު "ސަން" އަށް ވިދާޅުވީ އޭރު އޮލިމްޕަސް ބަންދު ކުރީވެސް ފިލްމެއް އަޅުވާފައި ވަނިކޮށް ކަމަށާއި، ބައެއް ފިލްމުތައް އެޅުވުމަށް ޕްރޮޑިއުސަރުން އެޑްވާންސް ޕޭމެންޓްވެސް ދައްކައިފައި ވަނިކޮށް ކަމަށެވެ.

15 އިން ފެށިގެން ބުކިން ހެދޭނެ ހަމަ. އެކަމަކު ޕްރޮޑިއުސަރުން ބޭނުންވާނެ ޓައިމް ފިލްމް ޕްރޮމޯޓް ކުރަންވެސް، އެހެންވީމަ ފެބްރުއަރީ ފުރަތަމަ ހަފުތާގަ ބެލުންތެރިންނަށް އޮލިމްފަހުން ފިލްމެއް ބަލައިލެވޭނެ. މިހާރުވެސް ބައިވަރު ފިލްމް އަޅުވަން އެބަހުރި. ލަފާ ކުރެވެނީ ހުޅުވުމަށް ފަހު އިލެކްޝަންސް [އަންނަ ރިޔާސީ އިންތިޚާބު] އާ ޖެހެންދެން ފުލު ފުލުން ފިލްމް އަޅުވާނެ ކަމަށް. އާޓްސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު

ޕްރެކްޓިސް ރޫމް ކުއްޔަށް ހިފުމުގެ އުސޫލާއި، އޮލިމްޕަހުގެ ހޯލު ބުކް ކުރެވޭނެ އުސޫލުތައްވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މީގެއިތުރުން، މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ވެސް ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅޭނެއެވެ.

ދެހާސް ވިހި ވަނަ އަހަރު އޮލިމްޕަސް ބަންދުކުރުމަށް ފަހު، އެތަން އަލުން ހުޅުވާނެ ގިނަ ތާރީޚުތަކެއް އެންސީއޭއިން ދީފައިވެއެވެ. އޮލިމްޕަސް ހުޅުވުން ލަސްވާތީ އާންމުންގެ އިތުރުން ފިލްމީ ތަރިންނާއި ފިލްމު އުފައްދާ މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހި ފިލްމު އެޅުވުމަށް ޚާއްސަކޮށް ހުންނަ ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ހުޅުވީ 1959 ވަނަ އަހަރެވެ.

comment ކޮމެންޓް