ސިނަމާލެ ފްލެޓުތައް ތަޅައިލައި 18 ބުރީގެ ޓަވަރު އެޅުން ލަސްވަނީ ސަރުކާރާ ހެދި: މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ސިޓީ ކައުންސިލު

މާލޭ ސިޓީ ކައުންސިލުގެ ނިންމުމާ އެއްގޮތަށް މާލޭ ހިޔާއާއި ސިނަމާލެ ފްލެޓުތައް ތަޅައިލައި، އެ ތަންތަނުގައި 18 ބުރީގެ ޓަވަރުތައް އެޅުން އަދިވެސް ފެށިފައިނުވަނީ ސަރުކާރުގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަސައްކަތާ ގުޅިގެން މުއިއްޒު "ސަން"އަށް ވިދާޅުވީ އެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅައިފައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފައިނުވާތީ ކަމަށެވެ. އަދި އެ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް ދަންނަވަން އެނގިލައްވާނީ އެ ޕްލޭން ފާސްވުމުން ކަމަށް ވިދާޅުވިއެވެ.

ސިނަމާލެ ފްލެޓުތައް 1990ވަނަ އަހަރުގައި ހަވާލުކުރުން --

ސިނަމާލެ ފްލެޓުތައް އެ ތަން ލިބުނު މީހުންނާ ހަވާލުކޮށް އެ ތަނުގައި މީހުން ދިރިއުޅެން ފެށީ 1990ވަނަ އަހަރުގެ ޖުލައި މަހުއެވެ. މިހާރު އެ ސިނަމާލެ ފްލެޓުތަކަށް 32 އަހަރު ވެދާނެއެވެ.

އެއިރަށް ބަލާނަމަ އެ ފްލެޓުތަކަކީ އެންމެ ތަނަވަސް، އެންމެ ހިތްގައިމު ފްލެޓުތަކެވެ.

ނަމަވެސް މިއަދު އެ އެ ފްލެޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭނަމަ އެންމެ މަތީ ފްލޯއަށް ފެން ފައިބައެވެ. ތަނުގެ ރައްކާތެރިކަމުގެ ގޮތުން ބަލާނަމަ ގިނަ މައްސަލަތަކެއް ވެސް އެ ފްލެޓުތަކުން ވަނީ ފާހަގަވެފައެވެ.

އެ ކަންކަމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ، މިހާރުގެ ސިނަމާލެ ފްލެޓުތަކުގެ ބަދަލުގައި އާ އިމާރާތެއް އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.

އަދި މަރާމާތުކުރެވެން ހުރި ތަންތަން މަރާމާތުކުރި ނަމަވެސް ބޮޑެތި މަރާމާތްތަކަށް ދާވަރަށް ވުރެ ތަނުގެ ހާލަތު ދަށްކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެއަށްވުރެ، އެ ތަން ތަޅައިފައި އާ އިމާރާތްތަކެއް އެޅިއްޔާ ލޯންގް ޓާމްގައި ދެކޮޅު ވެސް ޖެހޭނެ. އެ ސަރަހައްދަށް އަދި އިތުރު ފަރާތްތަކަށް ވެސް ފުރުސަތު ދެވޭނެ ރީޑިވެލޮޕްމަންޓަކަށް ދިޔައިމަ. އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭން ހުށަހެޅި އިރު ވެސް އޮންނާނެ އެ ވާހަަކަ ބަޔާންކޮށްފައި،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަރވިއުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެއާއެކު، ސަރުކާރުގެ ވިސްނުން ވެސް ހުރީ ސިޓީ ކައުންސިލަށް އެ މަސައްކަތްކުރުމުގެ ފުރުސަތު ދޭ ގޮތަކަށް ކަމަށް ގަބޫލުކުރައްވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އުންމީދުކުރަނީ ރަސްމީކޮށް ލިޔުމުން އަންނާނެކަމަށް. އައިމަ ދެން އޭގެ ޑީޓެއިލް ޑިޒައިނިންއާއި، އިންވެސްޓަރުން ހޯދުމާއި، އެ ޕްރޮސެސް ފެށޭނީ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެ ކަން ކުރާއިރު މިހާރު ސިނަމާލެ ފްލެޓުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ދިރިއުޅޭނެ އެހެން ޖާގައެއް ހަަމަޖައްސައިދޭނެކަމަށެވެ.

އަދި އާ ފްލެޓުތައް އަޅައިފައި، ސިނަމާލެ ފްލެޓު މިލްކުކޮށްފައިވާ ފްލެޓު ވެރިންނަށް އެއްވެސް އަގެއް ދައްކަން ނުޖެހި އެޕާޓްމަންޓް ލިބޭނެއެވެ. މިލްކުނުކުރެވޭ ފަރާތްތަކުން މިހާރު ވެސް ދައްކަމުން އަންނަ ކުލި، ފްލެޓު މިލްކުކުރެވެންދެން ދައްކަން ޖެހޭނެއެވެ.

ސިނަމާލެ ފްލެޓުތަކުގެ ފެންވަރު މިހާރު ހުރި ހާލަތުން އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާ ބޮޑުކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ރައްޔިތުންނަށް އުފާވެރިކަމެއް ލިބޭނީ ސަރުކާރުގެ އެއްބާރުލުން ލިބުމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް