ފީފާ ކުލަބު ވޯލްޑް ކަޕުގެ ހައިބަތު ބޮޑުކުރުމުގެ ވިސްނުމުގައި، އެ މުބާރާތް، ދުނިޔޭގެ އެންމެ ހައިބަތު ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ވޯލްޑް ކަޕުގެ ފޯމެޓަށް ކުރިއަށް ގެންދިއުމަށް ފީފާއިން ނިންމައިފިއެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ބުނީ 2025 ވަނަ އަހަރު 32 ޓީމު ބައިވެރިވާނެ ކްލަބް ވޯލްޑް ކަޕެއް ބާއްވަން ނިންމައިފައިވާ ކަމަށެވެ.
މީގެއިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުގެ އަންހެނުންނަށް ހާއްސަ މުބާރާތް، އަންނަ އަހަރު މޮރޮކޯގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ފީފާގެ ރައީސް ބުނެފައިވެއެވެ.
ފީފާއިން މިދިޔަ އަހަރު 24 ޓީމް ބައިވެރިވާ ގޮތަށް ކްލަބް ވޯލްޑް ކަޕެއް ޗައިނާގައި ބޭއްވުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކޮވިޑުގެ ގޮންޖެހުންތަކާ ގުޅިގެން މި މުބާރާތް ބޭއްވޭގޮތެއް ނުވިއެވެ.
ފީފާއިން މިހާތަނަށް ކްލަބް ވޯލްޑް ކަޕު ކުރިއަށް ގެންދިޔައީ ހަ ކޮންފެޑެރޭޝަނަކުން ހަތް ޓީމު ބައިވެރިވާ ގޮތަށެވެ. އޭގެ ތެރޭގައި އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ އިތުރުން އިތުރު ހަ ކޮންފެޑެރޭޝަނެއްގެ ޗެމްޕިއަން ޓީމުތައް ބައިވެރިވެއެވެ.
ފީފާއިން މި ގެނައި ބަދަލާއެކު ދެން ކުލަބު ވޯލްޑް ކަޕުގައި ކުޅޭނީ އެންމެ މޮޅު 32 ޓީމެވެ.
ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ފީފާއިން އަންނަނީ 150 މިލިއަން ޕައުންޑްގެ ޕްރައިޒް މަނީއެއް އެ މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ދިނުމަށް ތައްޔާރުވަމުންނެވެ. އަދި 2025 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ހޯސްޓު ކުރުމުގެ ފުރުސަތުދޭނީ އެމެރިކާއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންނަމަވެސް މި މުބާރާތާއި ގުޅޭގޮތުން އެންމެފަހުގެ ނިންމުންތައް ފީފާއިން ނިންމާނީ، ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ މަޝްވަރާގެ މަތިންކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރެއާލް މެޑްރިޑް، ބާސެލޯނާ، މެންޗަސްޓާ ޔުނައިޓެޑް ފަދަ ކްލަބްތަކާއެކު މިކަމުގައި މަޝްވަރާކުރާނެ ކަމަށް "ޑެއިލީ ސްޓާ" އިން ވަނީ ރިޕޯޓްކޮށްފައެވެ.
އެންމެފަހުން ބޭއްވި ކްލަބް ވޯލްޑް ކަޕުގެ ޗެމްޕިއަނުންނަކީ އިނގިރޭސި ގަދަ ބާރު ޗެލްސީއެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ދުނިޔޭގައި ކްލަބް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމު ކަމުގައިވާ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އެ ކްލަބުން މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައިވއެވެ.