ރާއްޖެއަށް އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ އެއް ގަހެއްގެ ދެ ގޮތްޕެވެ. އެއީ، މަސްތުވާތަކެއްޗާއި، އެކަމުން ބޮޑު ނަފާއެއް ހޯދައިގެން ހިންގާ ނުރައްކާތެރި ގޭންގްތަކެވެ. އެމީހުންނަށް ހިތްވަރު ލިބެނީ، ފަރުދާގެ ފުރަގަހުގައި ތިބޭ ބައެއް ސިޔާސީ ވެރިންގެ ސަބަބުންނެވެ.
ނިޒާމުން ބޭރުވިޔަސް، ނުހުއްޓުވާނެކަން ޔަގީންވާތީއެވެ.
ގޭންގު ވައިލެންސްއާއި ބެހޭ ވަރަށް ފުރިހަމަ ދިރާސާއެއް 2012 ވަނަ އަހަރު މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވަނީ ހައްދަވާފައެވެ.
އޭޝިޔާ ފައުންޑޭޝަނާއި ގުޅިގެން ޑރ. ނާޒް ހައްދަވާފައިވާ ރިސާޗްގައި މާލޭގައި 20-30 ދެމެދުގެ އަދަދަކަށް ގޭންގްތައް އޮޕަރޭޓްކުރާކަމަށް ބުނެފައިވެއެވެ. އަދި އޭގެން ކޮންމެ ގޭންގެއްގައި 50 އިން ފެށިގެން ގޮސް 400 ހާ މެންބަރުން ހަރަކާތްތެރިވާކަމަށް ބުނެފައިވެއެވެ.
އެ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި ތިބެނީ 25 އަހަރަށްވުރެ ދަށުގެ ޒުވާނުންކަންވެސް ފާހަގަކޮށް، ދިރާސާގައި ބުނެފައިވަނީ މައިގަނޑުގޮތެއްގައި އެމީހުންނަކީ ޑްރަގަށް އެޑިކްޓްވެފައި ތިބޭ ވަޒީފާއެއް ނެތް ޒުވާނުން ކަމަށާއި މައިގަނޑު ގޮތެއްގައި އެއިން ކޮންމެ މެންބަރަކީވެސް ކޮންމެވެސް ކަހަލަ ކުށުގެ ރެކޯޑެއް އޮތް މީހެއްކަމަށެވެ.
ގޭންގްތައް އޮޕަރޭޓް ކުރުމަށާއި، އެކި އެކި ކުށްތައް އެމީހުންލައްވާ ކުރުވުމުގައި ސީޔާސީ މީހުންގެ ބައިވެރިވުން އޮންނަކަން ދިރާސާއިން ވަނީ ފާހަގަވެފައެވެ.
ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް އަޑުއިވުނީ މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅިގެން ދެއްކި ވާހަކަތަކުންނެވެ.
އެ ކޮމިޝަންގެ ރައީސާ ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީ ތަކުގެ އެކިއެކި ބޭނުންތަކަށް އެކިއެކި ގޭންގުތައް ބޭނުން ކުރަމުން ދިޔުމުން، ކުށް ކުރާ ގޭންގުތައް ބާރުވެރިވެ، ގޭންގުތަކުގެ ހަރަކާތްތައް ވެސް އިތުރު ވެއެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ގަބޫލުފުޅުކުރައްވަނީ އެފަދައިންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގޭންގްތަކާއި ސިޔާސީ މީހުންނާ އަބަދުވެސް ގުޅުން އޮވެއެވެ. އެކަން ދިވެހި ފުލުހުންނަށް ނުހުއްޓުވޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މިއަދުވެސް ހަގީގަތުގައި ޒުވާން ބޭފުޅުން ހިމަނައިގެން އެކި ގޮތްގޮތަށް ހަރަކާތްތެރި ވާ ކަމާއި، އެ ގޭންގުތަކަށް މީގެ ފައިދާ ކިޔައިދީ، ސަރުކާރުގެ ބޭފުޅުން، އެކިއެކި ސިޔާސީ ޙަރަކާތްތަކުގައި އާއި އެކި ކަންކަމުގައި [ގޭންގުތައް] ބޭނުން ކުރައްވަމުން ދާ ތަން އަޅުގަނޑުމެންނަށް ފެނޭ، ޑރ. މުހައްމަދު ޖަމީލު އަހްމަދު
އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި މިއަދާ ހަމައަށް ވެސް އެއްވެސް ސަރުކާރަކަށް ގޭންގްތައް ހުއްޓުވިފައިނުވަނީ އެފަދަ ސަބަބުތައް ހުރުމުންނެވެ.
ފައިސާވެރި ބާރުގަދަ ބޭބޭފުޅުން ގޭންގްތަކަށް ފަހިކޮށްދޭހާ ކަންތައްތަކާއި، ދޭހާ ފައިސާ އަކާއި އަދި މި ނޫނަސް، އެ މީހުންގެ ލާބައާއި މަންފާއަށްޓަކައި އެކި އޮޕަރޭޝަންތަކަށް ކޮށްދޭ ކަންތައްތައް މަރުކޮމިޝަނުން ވަނީ ތިލަކޮށްފައެވެ. ޚާއްސަކޮށް ނޫސްވެރިޔާ ރިލްވާނުގެ މަރުގެ މައްސަލައިގެ ކުރިން ހިންގިހާ ޖަރީމާތަކާއި، އެމަރުގެ ފަހުން ވެދިޔަ ކަންކަމުން އެކަން ވަރަށް ސާފެވެ.
ފަރީޝާ ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް އައި އިރު ރާއްޖެ އޮތީ ސިޔާސީ، އިޖްތިމާޢީ އަދި ދީނީ ހަމަ ނުޖެހުމެއްގައި ކަމަށެވެ. އަދި ގާނޫނު ހިންގުމާއި އަދުލު އިންސާފު ގާއިމް ކުރުން ހީނަރުވެ ގޭންގް ތަކާއި ހަރުކަށި ފިކުރުގެ މީހުންނަށް އޭގެ ސަބަބުން ބޮޑު ހިތްވަރެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"މީހުންނަށް އިންޒާރު ދިނުމާއި، ބިރު ދެއްކުމާއި، އެކި ވަރުގެ ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދިނުމާއި، މާރަމާރީ ހިންގުމާއި އަދި މީހުން މެރުން ވަނީ [އެދުވަސްވަރު] އިތުރުވެފައި،" އޭނާ ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް ފެތުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނެ ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ކުށް ކުރާ ގޭންގުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް މުޖްތަމައު ތެރޭގައި އެކި ގޮތްގޮތަށް އުޅުމަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދެންނެވި ހަލަބޮލި ކަމުގެ ތެރޭގައި ޑރ. އަފްރާޝީމް ވެސް އަވަހާރަކޮށްލާފައިވަނީ، ފަރީޝާ އަބްދުﷲ
މަރު ކޮމިޝަނުން ބުނާ ގޮތުގައި ގޭންގްތައް އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެފައިވަނީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.
އެ އިންތިޚާބުގެ ކެމްޕެއިންގައްޔާއި އެ އިންތިޚާބުގެ ފަހުން ވެސް ސިޔާސީ ބޭނުންތަކަށް ގޭންގުތަކުގެ އިސް މީހުންނާއި އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ގުޅުން ބަދަހި ކުރިކަމަށް އެ ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. ރާއްޖެއަށް މީގެ ނަތީޖާ ފެނުނީ ހިތިކޮށެވެ.
"2013 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުން ދިޔައިރު، އެ އިންތިޚާބު ދިޔައިރު ވެސް އަދި އެ އިންތިޚާބަށް ފަހުގަ ވެސް ސިޔާސީ ބޭނުމަށް ގޭންގްތަކާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ގުޅުން ބަދަހި ކުރަމުން ދިޔަ ކަން ފާހަގަ ކުރެވޭ" ފަރީޝާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނަތީޖާއެއްގެ ގޮތުން، މީސްމީޑިއާގައި ހަރަކާތްތެރިވި އެކި ޚިޔާލުތަކުގެ މީހުންގެ ފަރާތުން ބަދަލުކުރި ބަހުގެ ހަމަލާތަކުގައި ގޭންގްތަކުގެ މީހުން އަމަލީ ގޮތުން ބައިވެރިވި ކަމަށެވެ.
އެ ކަމުގެ ތެރެއިން ވެރިރަށް މާލޭގައި މަގުމަތިން މީހުންނަށް އިންޒާރު ދިނުމާއި، އަނިޔާކުރުމާއި އަދި ބިރުދެއްކުން ފަދަ ކަންކަން ބޮޑުތަނުން އިތުރުވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފެނުނީ ގޭންގް ތަކުގެ ބިރުކުޑަ ކަމެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ވަކިން ޚާއްސަކޮށް، ރިލްވާނުގެ މަރުގެ މައްސަލައިގައި ދާދި ފަހުން ހައްޔަރު ކުރި، މއ. ފާގަފިލާގެ އަޙްމަދު އިސްމާޢިލާއި ދަފްތަރު ނަންބަރު 9948 އަހުމަދު މުއާޒްގެ ނުފޫޒާއި ބާރެވެ. މި ދެ މީހުންނާއި ސިޔާސީ ފަރާތްތަކާ އޮތް ގާތް ގުޅުމެވެ.
ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި ފުލުހުންގެ ޚިދުމަތެވެ. އެގޮތުން އެތަނުގެ ޑިޕާޓްމެންޓަކަށް ބަލާނަމަ އިންޓެލިޖެންސެވެ. އެހެން ނަމަވެސް، ދިވެހި ފުލުހުންގެ އިންޓަލިޖަންސަށް ވުރެ ވެސް ބޮޑަށް، އިންޓެލިޖެންސްގެ އިސްވެރިއަކާއި މުއާޒާ އޮތް ގުޅުން މާ ބޮޑެވެ. އޭނާގެ ނުފޫޒް ފުލުހުންގެ ތެރޭގައި މާ ގަދަ ކަމަށް މަރު ކޮމިޝަނުން ބުނެއެވެ.
އަޅުގަނޑު މި ދަންނަވަނީ، މިކަން އޭރު ހިނގަމުން ދިޔައިރުވެސް މިކަން އޭރު އޮތީ ދައުލަތުގެ ފަރާތްތަކަށް ވެސް މިކަން ހިނގަމުން ދާ ކަމުގެ މައުލޫމާތު އަދި މި ދެ މީހުން މިކަމުގެ ތެރޭގައި އިސްކޮށް އުޅޭ ކަމުގެ މައުލޫމާތު ލިބިފައޭ، ފަރީޝާ އަބްދުﷲ
ކުރީގެ ފޮލިސް ކޮމިޝަނަރު އަދި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ތެރޭގައި އެފަދަ ނަހަމަ ގުޅުންތަކެއް އޮވެއެވެ. އަދި، ގޭންގްތަކާއި ފުލުހުންގެ ބައެއް އިސްވެރިންނާ ވެސް ގުޅުން އޮވެއެވެ.
"އެއީ އާއިލީ ގުޅުމަށް، ނުވަތަ ރަޙްމަތްތެރިކަމުގެ ގުޅުމަށްވެސް ވެދާނެ ދެއްތޯ، އެނގޭހާ ވެސް ކަމަކީ ގުޅުމެއް އޮތް ކަން" ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގަމުންދިޔަ ހުރިހާ ގޭންގުތަކެއް ސްޕޯޓްސް ކްލަބްތަކެއް ކަމުގައި ނުވަތަ ޖަމިއްޔާ ތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އެތަންތަނަށް ބޮޑެތި ހަދިޔާތަކާއި ފައިސާތައް ދިން ކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ.
މިކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެއަށް ވުރެ ދަށް މަގާމުތަކުގައި ތިބި ސިޔާސީ މީހުން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް އެފަދަ ގޭންގްތަކަށް ނާޖައިޒް ފައިދާ ހޯދައިދިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އެ ޖަމިއްޔާތަކަށް ބޮޑެތި ސްޕޮންސާޝިޕްތައް ދީ، ނުފޫޒާއި ބާރުގެ ބޭނުންކޮށް އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިން ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.
މިގޮތުން، އެފަދަ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ނަމުގައި އެމީހުން ކޮށްފައި ހުރި މުޑުދާރު ޢަމަލު ތަކުގެ ކުށުގެ ރެކޯޑުތައް ސާފުކޮށް، ރިހެބިލިޓޭޝަންގެ ޕްރޮސެސްއަކާ ނުލައި އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް މިދިޔަ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ސަރުކާރުގެ އޮފީސްތަކުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އިރުގައި އެތާގައި، ޑެސްކުގެ އަނެއް ފަރާތުގައި ޚިދުމަތްދޭން އިން މީހާ އަކީ ކްރިމިނަލް ގޭންގް ހަރަކާތްތެރިވާ މީހެއް ކަމުގައި ވާނަމަ، އެ ދޭ ޚިދުމަތާ ދޭތެރޭގައި ވެސް، އެ ދެވޭ މައުލޫމާތާ ދޭތެރޭ ވެސް، މި ހުރިހާ ކަމަކާ ދޭތެރޭ ވެސް ވަރަށް ކަންބޮޑުވުން އޮންނަން ޖެހޭ"، ފަރީޝާ ވިދާޅުވިއެވެ.
އެދުމެއް ނެތި ވެދުމެއް ނުކުރާނޭ ބުނާ ބީދައިން ސިޔާސީ ބޭފުޅުންގެ މި އެހީތަކުގެ ބަދަލުގައި ގޭންގުތަކުން ޖެހުނީ އެބޭފުޅުންނަށް ސަޕޯޓް ކުރަން ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ގޭންގުތަކުން ޖެހުނީ އެފަދަ ސީޔާސީ ބޭފުޅުންގެ ހަރަކާތްތައް ހިންގާ ޕްރޮމޯޓްކުރާށެވެ. އެމީހުންނަށް ވޯޓް ދޭށެވެ. ވާދަވެރި ފަރާތްތަކަށް ދުއްތުރާކޮށް އެމީހުންނަށް ބިރުދައްކާ އަނިޔާކޮށް ހަލާކުކުރާށެވެ. ބޮޑު ސިޔާސީ "ނާޗަރަންގީ"އެއް ކުޅޭށެވެ.
ސިޔާސީ ބޭފުޅުންގެ އިތުރުން ގޭންގްތަކުގެ "މޫ" ފަނޑިޔާރުންނަށާއި ޝަރުޢީ ގެއަށްވެސް ފޯރާފައިވާކަން ވެސް ފަރީޝާ ފާހަގަކުރެއްވިއެވެ.
މިގޮތުން 2013 ވަނަ އަހަރު ޓެރަރިޒަމްގެ ދައުވާ އުފުލައި ހ. ހިލްޓަން އަޒްލިފް ރައޫފް މައްސަލަ ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމި ނަމަވެސް، އޭނާ ގޭ ބަންދަށް ބަދަލުކޮށް، ގޭ ބަންދާ ޚިލާފަށް މުޖްތަމައުގައި އެނބުރުނު އެނބުރުން މަރު ކޮމިޝަނުގެ ހޯދުންތަކަށް ފާހަގަވިއެވެ.
އެފަހަރު އަޒްލިފްގެ ބަންދު ބާތިލް ކުރުމުން އޭނާ ފުރައިގެން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާއަށް ދިޔައީއެވެ.
ރިލްވާނުގެ މަރުގެ މައްސަލައިގައި ރިލްވާނަށް ފާރަލީ އެކަކު ކަމުގައިވާ ސ. ހުޅުުދޫ އަތިރިއާގެ މުހައްމަދު ސުއައިދު ވެސް 2014 ވަނަ އަހަރު، ބަންދުގެ ދުވަސްވަރު އޭރުގެ ރައީސާއެކު ނަގާފައިވާ ފޮޓޯއެއް މަރު ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.
އެކަމަކު، ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ވާހަކަފައްކަވަމުން ޖަމީލް ވިދާޅުވި ގޮތުގައި މަރު ކޮމިޝަނުން ޔާމީނާ މެދު ދެއްކި ވާހަކަ ތަކަކީ ސިޔާސީ ގޮތުން ކުރި ކަމެކެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެއީ ޔާމީންގެ އަގު ވައްޓާލާ، ސިޔާސީ ގޮތުން ބަލި ކޮށްލަން ދެއްކި ވާހަކައެކެވެ. އަދި، އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެން ގެއްލުމަށް އަބުރުގެ ދައުވާ ކުރަން ނިންމައިފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ
އެންމެ މެސެޖަކުން ކްރިމިނަލް ކޯޓުން ޖެހި ބަންދުވެސް ބާތިލްވެ ރިލްވާނުގެ މަރުގެ މައްސަލާގައި ހިމެނުނު މުހައްމަދު ސުއައިދް އަދި އިތުރު ދެ މީހަކު ސަލާމަތްވި ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އެމީހުން ވެސް އެންމެ ފަހުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާއަށް ފުރީއެވެ.
އޭގެ ފަހުން، ހަމަ އެ މައްސަލައިގާ ހިމެނޭ ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ހަރަކާތްތެރިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ.
އެކަމަކު، ރައީސް ޞާލިހް ވަނީ ނޫރައްދީން އަކީ ކާކުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައްސަލައިގާ ހިމެނޭ މީހެއްކަން އެނގިހުރެ އެފަދަ އެއްވެސް މީހަކު ކެމްޕޭނުގައި ބައިވެރިކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.
ވަކި ބޭފުޅަކަށް ތުހުމަތުގެ އިނގިލި ދިށްނުކުރެވުނު ނަމަވެސް އެނގޭ ހަގީގަތަކީ ސިޔާސީ ބޭފުޅުންނާއި ގޭންގްތަކާ ގުޅުމެއް ވާ ކަމެވެ. ވަކި ނަމެއް ދޭން ނޭނގުނަސް އެއީ ވަރުގަދަ ގުޅުމެކެވެ. ނިޒާމުގެ އެތެރޭންނާއި ބޭރުން އެ ގުޅުން ހިންގާއިރު، އެކަން ހުއްޓުވުމުގައި ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ.