ޕޯޗުގަލްގެ ކޯޗުކަމުން ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފި

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދިން ފެނާންޑޯ ސަންޓޯސް --ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން، ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފިއެވެ.

އެކަން ހާމަކޮށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ރަސްމީ މީސްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް ސަންޓޯސް އަށްވަނީ އޭނާ ކޮށްދިން ޚިދުމަތަށް ޝުކުރުއަދާކޮށްފައެވެ.

އަދި ސަންޓޯސް ޓީމާ ވަކިވަނީ، ތާރީޚީ ލެގަސީއެއް ޓީމާއެކު ގާއިމްކުރުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުން ސަންޓޯސް އިސްތިއުފާދިން އިރު، އޭނާއާއި ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެއީ ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ރޮނާލްޑޯ ބަދަލު ކުރުމަށް ކޯޗު ސަންޓޯސް ނިންމި ނިންމުމާއި ގުޅިގެން ރޮނާލްޑޯ ހިތްހަމަ ނުޖެހި، އަމަލުކުރި ގޮތުގެ ސަބަބުން ޖެހުނު މައްސަލަތަކެއް ކަމަށްވެއެވެ. އަދި އެކަމުގެ ސަބަބުން މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ޕޯޗުގަލްއިން ރައުންޑް އޮފް 16 ގައި ސްވިޒަލެންޑް އަތުން މޮޅުވި މެޗު އަދި ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވި މެޗުގައި ކެޕްޓަން ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ކޯޗު ސަންޓޯސް ވަނީ މީޑިއާ ރިޕޯޓުތަކުން ބުނާގޮތަށް، އޭނާއާއި ރޮނާލްޑޯއާ ދެމެދު މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި މިއީ "ހެޑްލައިން މޭކް"ކުރަން މީޑިއާތަކުން ދައްކާ ވާހަކައެއްގެ ގޮތުގައި ސަންޓޯސް ސިފަކޮށްފައިވެއެވެ.

ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ޕޯޗުގަލްއިން މޮރޮކޯއާ ދެކޮޅަށް ނުކުތްއިރު، 0-1 އިން ބަލިވެ މުބާރާތުން ޕޯޗުގަލް ކެޓުމާ ގުޅިގެން ކޯޗުކަމުގެ މަގާމުން ސަންޓޯސް ވަކިވާނެ ކަމަށް ގިނަބަޔަކު ބުނަމުންދިޔައެވެ.

އަދި އޭނާ އިސްތިއުފާ ދިނުމުގެ ކުރިން ވެސް، ޕޯޗުގަލްއިން، ހޯސޭ މޮރީނިއޯއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިފަދަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ޕޯޗުގަލްގެ ކޯޗުކަމުން އަމިއްލައަށް ސަންޓޯސް އިސްތިއުފާދިން އިރު، އޭނާ އެ މަގާމާއި ހަވާލުވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފުޓުބޯޅައިގެ ތާރީޚުގައިވެސް ޕޯޗުގަލްއިން މުބާރާތެއް ކާމިޔާބުކޮށް ތަށި އުފުލާލާފައި ވަނީ ސަންޓޯސްގެ އިރުޝާދުގެ ދަށުން، ރޮނާލްޑޯގެ ކެޕްޓަން ކަމުގައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި 2018/19 ވަނަ ސީޒަނުގެ ނޭޝަންސް ލީގު އެޓީމުން ކާމިޔާބު ކޮށްފައިވެއެވެ.

ސަންޓޯސްގެ އިސްތިއުފާއާއެކު ޕޯޗުގަލްގެ ކޯޗުގެ މަގާމު ހުސްވެފައި ވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ މަގާމާއި ހަވާލުވުން އެންމެ ގާތީ، އިޓަލީގެ ކުލަބު ރޯމާގެ ކޯޗުގެ ގޮތުގައި ހުރި މޮރީނިއޯއެވެ.

އުމުރުން 68 އަހަރުގެ ސަންޓޯސް އޭނާގެ ކޯޗިންގް ކެރިއަރު ފެށި 1987 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރު ޕޯޗުގަލްގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ސަންޓޯސް ވަނީ 2010 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ގްރީސްގެ ގައުމީ ޓީމަށް އިރުޝާދުދީފައެވެ.

comment ކޮމެންޓް