ޑީއާރުޕީ އުވާލައިފި ނަމަ، "ޖޭޑީޕީ"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަނީ

ޑީއާރުޕީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ތިން ހާސް މެމްބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލައިފި ނަމަ "ޖޭޑީޕީ"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

ތިން ހާސް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިހާރު ވަނީ ފަށައިފައެވެ.

މި މައްސަލައިގައި ޑީއާރުޕީން ނެރުނު ނޫސްބަޔާނުގައި ވަނީ އެ ޕާޓީގެ މިހާރުގެ ލީޑާޝިޕުން 2019 ވަނަ އަހަރު ޕާޓީއާ ހަވާލުވުމާއެކު، ޕާޓީން ދައްކަންޖެހިފައިވާ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށާއި ޕާޓީގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފެށިނަތާހެން ކޮވިޑާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން އެ ހާލަތުން އަރައިނުގަނެވި ތިބެންޖެހުނުކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. މިއަހަރު މަސައްކަތްތައް ފެށޭވަރު ވުމުން ގާނޫނު ބުނާ މިންވަރަށް ޕާޓީގައި މެންބަރުން ހަމަކުރުމުގެ މަސައްކަތް ފެށިއިރު، އިލެކްޝަނުން ވަނީ ޕާޓީގެ މެމްބާޝިޕް ފޯމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަމަށް ބަޔާނުގައިވެއެވެ.

އޭގެ ތެރޭގައި ފޮޓޯ ޖަހައިގެން ލައިވް ކެމެރާގައި ސޮއިކުރުން ފަދަ ކަންތައްތަކަކީ ކުއްލިއަކަށް ތައާރަފު ކުރުމުން، އެއީ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމެއް ކަމަށް ޑީއާރުޕީން ބުންޏެވެ.

އެ ބަޔާނުގައި ވަނީ ކަން އެހެން އޮތުމުން ތަކުރާރުކޮށް އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އީސީގައި ބުނަމުން އަންނަނިކޮށް ޑީއާރުޕީ އުވައިލުމަށް އިއުލާން ކުރުމަކީ ރާއްޖޭގެ ޑިމޮކްރެސީ ފުނޑާލުމަށް އެ ކޮމިޝަނުން ފެށި މަސައްކަތެއް ކަމުގައި ޕާޓީން ދެކޭ ކަމަށެވެ.

"އަމުދުން މި ޕާޓީން، ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 2023ގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވައިލަން ނިންމުމަކީ ޑިމޮކްރެސީއާ ނުހަނު ބީރައްޓެހި ޢަމަލެއްކަން ޔާގީނެވެ." ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލަމުން ލިޔެފައިވަނީ ރާއްޖޭގެ ދެވަނައަށް އެންމެ ޒަމާންވީ ސިޔާސީ ޕާޓީ އުވުނަ ނުދިނުމަށް ކުރަމުން ދިޔަ މަސައްކަތް އިލެކްޝަނުން ހުއްޓުވާފައި ވާތީ، އެކަމަށް ހައްލެއް ހޯދުމަށް ޓަކައި ކޯޓަށް ދިޔުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

"ޕާޓީގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެނައުމަށް އިލެކްޝަނުން ނިންމާފައިވާ މި ދަނޑިވަޅުގައި ޕާޓީއާ ގުޅިގެން އުފެދިފައިވާ އެކިއެކި ދަރަނީގެ ކަންކަމުގައި ޕާޓީއަށް ގުޅަމުންދާ އެންމެހާ ފަރާތްތަކުން މީގެ ފަހުން އިލެކްޝަން ކޮމިޝަންގެ ރައީސަށް ގުޅައިގެން އެފަދަ މައްސަލަތައް ހައްލުކުރުމަށް ދަންނަވަން،" ބަޔާނުގައިވެއެވެ.

ޑީއާރުޕީއަށް މެމްބަރުން ހަމަނުވާތީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް އީސީއިން އެ ޕާޓީއަށް ނޯޓިސް ދިނެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި އެ ޕާޓީއިން 3000 މެމްބަރުން ހަމަކުރިއެވެ.

ޑީއާރުޕީގެ ލީޑަރު ކަމަށް ޖާބިރު ހަމަޖެއްސީ ޖުލައި 23، 2019ގައެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. އެ ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

comment ކޮމެންޓް