ރިލްވާންގެ ކަރުބުރިކޮށް މަރާލުމުގައި ބައިވެރިވި ހަ މީހަކު ވަނީ ސީރިއާއަށް ފުރާފަ: މަރު ކޮމިޝަން

ރިލްވާން: މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓަފައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާ ކަމަށާއި އެ ވަގުތު ދޯނީގައި ތިބި ހަ މީހަކު ރާއްޖެއިން ފުރާފައިވާ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ އޮގަސްޓު 7، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިގެން ކާރަކަށް އަރުވައިގެން ދިޔުމަށް ފަހު، ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުމައްޗަށް ގެންދިޔައީ ކަންނެލި ދޯންޏެއްގައި ކަމަށެވެ.

"ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ގޮސްފަވާ ކަމަށް ބެލެވޭ އަދި ދޯނީ ތެރޭގަ އޭނާއަށް ކަލިމަ ލައިދީ، ހަގީގަތުގައި ރިލްވާން ވަނީ ކަރުބުރިކޮށް މަރާލާފަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން މީހަކު ބުނެފަވޭ އަދި އޭނާގެ ހަށިގަނޑު ވަނީ ކަނޑުފައްތާފަ ކަމަށް،" ފަރީޝާ ވިދާޅުވިއެވެ.

އެވަގުތު ދޯނީގައި ތިބި މީހުންގެ ތެރެއިން ހަ މީހަކު ސީރިއާއަށް ފުރިއިރު އޭގެ ތެރޭގައި ހިމެނޭ ތ. އޮމަދު ނަރުގިސްވިލާ، މުހައްމަދު މުނާޒް ފުރީ 2017 ވަނަ އަހަރުގައެވެ. ބާކީ ތިބި އެންމެން 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ސީރިއާއަށް ފުރާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެމީހުން މަރުވެފައިވާ ކަމަށް ބެލެވޭ ނަމަވެސް އެކަން އެއްވެސް ރަސްމީ އިދާރާއަކަށް ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަ މީހުންގެ ތެރޭގައި ހިމެނޭ ސ. މީދޫ އިރާކް، މުހައްމަދު ހާމިދާއި ސ. ހުޅުދޫ އަތިރީއާގޭ، މުހައްމަދު ސުއެއިދު އަކީ މާލެއިން ރިލްވާންއަށް ފާރަލި ދެ މީހުން ކަމުގައި ފަރީޝާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރިލްވާނުގެ މަރަކީ ހަރުކަށި ފިކުރުގެ މީހުން ދުރާލާ ރާވައިގެން ކުރިކަމެއް ކަމުގައި ތަހުގީގަށް އެނގޭ ކަމުގައި ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވި ގޮތުގައި ރިލްވާނަށް އެކި ފަހަރުމަތިން އެކި އިންޒާރުތައް ދެމުން އައިކަން ތަހުގީގަށް ވަނީ ފާހަގަވެފައެވެ. އެގޮތުން އިސްމާއީލް އަބްދުއްރަޙީމް އާދަމް (އިސޫ) އޭނާއަށް ފާރަލަމުންދާކަން ރިލްވާން އަމިއްލައަށް ވެސް ޓްވީޓު ކޮށްފައިވާ ކަމަށާއި އެކަން އޭނާގެ ރައްޓެހިންނާއި އިތުރު މީހުންނާ ވެސް ރިލްވާން ހިއްސާ ކުރިކަން ތަހުގީގަށް ފާހަގަވިކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ.

ރިލްވާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މި ހަ މީހުން ވަނީ ސީރިއާއަށް ފުރާފަ -- ފޮޓޯ/ މަރު ކޮމިޝަން

ރިލްވާން ރަހީނު ކުރި ކަމަށް ބެލެވޭ ގަޑިއަކީ އެރޭ ދަންވަރު 1:45 ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެގޮތުން ރިލްވާން ގަދަކަމުން އެރުވި ރަތް ކާރުން އޭނާގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށާއި، އެ ކާރަކީ ރިލްވާންގެ މަރުގައި އަމަލީ ގޮތުން ބައިވެރިވި އާލިފް ރައުފްގެ ކާރެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެ ކާރަށް އޭނާ ގަދަކަމުން އެރުވުމުގެ ކުރިން މާލޭގައި އޭނާގެ ރަޙްމަތްތެރިންނާ އެކު ބައިބަލާގެ ފައިނަލް މެޗު ބަލަން ދިޔަކަމަށާއި، ފައިނަލް މެޗުގެ ކުރިން މާލޭގެ އާޓިފިޝަލް ބީޗުގައި ހުރި ބްރޭކް ވޯޓާ ރެސްޓޯރެންޓުގައި ރިލްވާން ހުރި އިރުވެސް އޭނާއަށް ހާމިދާއި ސުއެއިދު ފާރަލިކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިލްވާންގެ މަރުގެ މައްސަލަ އޮޅުވާލައި ފޮރުވުމަށް ވެސް އެކި ކަހަލަ ކަންކަން ބަޔަކު ކޮށްފައިހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސްފަރާތްތައް ހިމެނޭކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ.

މިގޮތުން ރިލްވާން ސީރިއާއަށް ހަނގުރާމައަށް ދިޔަ ކަމަށާއި ބޭރުގެ ގައުމަކަށް ގޮސް ފިލީ ކަމަށާއި އޭނާ އަމިއްލައަށް މަރުވިކަމަށްވެސް އާންމުންނަށް ދައްކަން އުޅުނު ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ހެއްކެއް ފެންނަން ނެތް ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެކަމުގެ ތެރޭގައި ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހެއްދުމަށްވެސް އެދިފައިވާކަން ރިކޯޑްތަކުން ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހްމަދު ރިލްވާން އަބްދުﷲ އަމިއްލައަށް ފިލައިގެން ގޮސް ތަނެއްގައި ހުރެދާނެތޯއާއި، ނޫނީ އެހެން ބަޔަކު އޭނާ ފޮރުވާފަ ހުރިތޯ، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަލާލިން. ބަލާލިއިރު އެހެން އެއްވެސް އެއްޗަކަށް އެއްވެސް ކަހަލަ ހެއްކެއް ލިބިފައެއް ނެތް. ރިލްވާން އަމިއްލައަށް މަރުވާން ޖެހޭނެ ސަބަބެއްވެސް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ފެންނާކަށް ނެތް،" ފަރީޝާ ވިދާޅުވިއެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ސުއައިދު އާއި ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފް އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ.

އޭގެ ތެރެއިން ސުއައިދު ރާއްޖޭގައި ނެތުމުން، ޝަރީއަތް ކުރިއަށް ގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ދާދިފަހުން ވަނީ ރިލްވާނުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.

އެއީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.

ރިލްވާންގެ އިތުރުން، 2017 ވަނަ އަހަރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ.

އަހަނދުއަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާއެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި މުއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް