އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގިކަމެއް ގަވަރުނަރަކަށް ނޭނގޭ: އަދުރޭ

މަރުކަޒީ ބޭންކްގެ ގަވަރުނަރާ ބައްދަލުކުރެއްވުމަށްފަހު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ފޮޓޯ/އާދަމް ޝަރީފްގެ ޓްވިޓާ އިން

މި ފަހުން އިންޑިއާއިން ދިން 100 މިލިއަން ޑޮލަރުގެ ލޯނާ، ގުޅޭ އެއްވެސް މައުލޫމާތެއް ގަވަރުނަރަށް އެނގިވަޑައިގެންފައި ނުވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން، ގަވަރުނަރު އަލީ ހާޝިމް އާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިދިޔަ ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހު އިންޑިއާއިން ދިވެހި ސަރުކާރަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން އެނގެންޖެހޭ މުހިއްމު އެއްވެސް މައުލޫމާތެއް ގަވަރުނަރަށް ސާފުކޮށް ނުދެވުނު ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާއިން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓެއް ގަވަރުނަރަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ރާއްޖެއިން ބޭރުން ނަގާ ލޯނުތަކުގެ މައުލޫމާތުތައް މަރުކަޒީ ބޭންކްގެ ގަވަރުނަރަށް އެނގިވަޑައިނުގެންނެވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ގަވަރުނަރާއެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނަށް ވިދާޅުވެވުނުހާވެސް އެއްޗަކީ އެ 100 މިލިއަން ޑޮލަރުން ކުރިއަށްމިއޮތް ވިއްސަކަށް ދުވަހަށް ހިފަހައްޓާލެވޭނެ ކަމަށް،" މަރުކަޒީ ބޭންކުގެ ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭރުން ނަގާ ދަރަނިތަކާއި ގުޅޭ މައުލޫމާތު ގަވަރުނަރަށް އެނގެންޖެހޭ ކަމަށާއި، ރާއްޖޭގެ އިޤްތިސާދު މެނޭޖުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އެޅިފައި ވަނީ ގަވަރުނަރުގެ ކޮނޑުފުޅުގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ބަޖެޓާއި ގުޅޭގޮތުން ގަވަރުނަރުގެ ކަންބޮޑުވުން ހުރިކަމަށާއި، އެކަން މަޖިލީހާއި ހިއްސާ ކުރައްވާފައިވާނޭ ކަމަށް ގަވަރުނަރު ވިދާޅުވެފައިވާ ކަމަށެވެ.

"ރާއްޖޭގެ އިޤްތިސާދުގައި ހުރި ކަންބޮޑުވުންތައް މިއަދު އަޅުގަނޑުމެނަށް ކަށަވަރު ކުރެވިއްޖެ. ރާއްޖޭގެ މާލީހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި. ކުރިއަށްއޮތް ދަތިދުވަސްތަކާ ކުރިމަތިލާނެގޮތް ހިތަށް ގެންނަންވެސް ދަތި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ގަވަރުނަރު އަލީ ހާޝިމާ އެކު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ބައިވެރިވެ ވަޑައިގަންނަވާފައިވަނީ ލ.މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން ޅ.ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އަދުގެ ސަރުކާރުން އިންޑިއާއިން ނަގަމުން އަންނަ ލޯނުތަކާއި ބެހޭ މައުލޫމާތު ނުދޭތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެންމެފަހުން އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އެ ލޯނަކީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިލެއްވުމުގެ މަތިން އިންޑިޔާއިން ދިން އެހީއެއް ކަމަށެވެ.

އިންޑިއާއިން އެ 100 މިލިއަން ޑޮލަރު ދެނީ އެސްބީއައިއަށް ދޫކުރާ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ ފައިސާއަށް އިންޑިއާގެ ސަރުކާރުން އެސްބީއައިއަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށެވެ.

comment ކޮމެންޓް