އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މެލޭޝިއާއިން ރާއްޖެ ބަލިކޮށްފި

މެލޭޝިއާއާ ދެކޮޅަށް ރާއްޖެއިން ބޭނުންކުރި ފުރަތަމަ 11 --ފޮޓޯ/އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިހާރު ކުޅެމުންދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.

މެލޭޝިއާގެ ބުކިޓް ޖަލީލް ނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު މެލޭޝިއާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ރާއްޖެއިން ފެށީ ޒުވާން ފުރަތަމަ 11 އަކާއިއެކުއެވެ. އަދި އެންމެފަހުން ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ލާއޯސްއާ ދެކޮޅަށް ނުކުތް ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެންނެވެ.

އަނިޔާގެ ސަބަބުން މި މެޗަށް އެކުލަވާލި ސްކޮޑުގައި ކެޕްޓަން އަކްރަމް އަބްދުލްޣަނީ ނުހިމެނޭއިރު ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ދަނޑުމަތީގައި ޓީމު ލީޑު ކުރީ ސަމޫހު އަލީ (ސަމުއްޓޭ) އެވެ.

ރާއްޖެއިން މެޗުގައި ބޭނުންކުރި ފުރަތަމަ 11 --ފޮޓޯ/އެފްއޭއެމް

ގާތްގަނޑަކަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލީ އަޝްފާގް ދަގަނޑޭ މި މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނުނު ނަމަވެސް، ދަގަނޑޭއަށް ވެސް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ. މީގެއިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އުމެއިރަށް ވެސް ފުރަތަމަ 11 އިން ފުރުސަތެއް ނުލިބެއެވެ.

ދަގަނޑޭއާއި ހަމްޕުގެ އިތުރުން ބެންޗުގައި ހިމެނުނު ރާއްޖޭގެ ކުޅުންތެރިން-- ފޮޓޯ/އެފްއޭއެމް

މި މެޗަށް ނެރުނު ފުރަތަމަ 11 އިން، މުޅިން އަލަށް ސީނިއާ ގައުމީ ޓީމުގައި ހިމެނުނު މުހައްމަދު ސަޚާއު (ބޭލް)އަށް ކޯޗު މޮރެއިރޯ ފުރުސަތު ދީފައިވެއެވެ. ސަޚާއު އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެފައިވާ، އަރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ހުސެއިން ޝަރީފް (ކ) އަދި މުޅިން އަލަށް ގައުމީ ސްކޮޑުގައި ހިމެނި ފުރަތަމަ 11 އިން ޖާގަ ހޯދި ސަޚާއު (މ)ގެ އިތުރުން އަހްމަދު ނޫމާން (ވ) --ފޮޓޯ/އެފްއޭއެމް

ޒުވާން ސްކޮޑަކާއެކު ރާއްޖެއިން މި މެޗު ފަށައިގެން ޑިފެންސިވް މޮޅު ގޭމެއް ކުޅުނެމެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި ދިވެހި ޓީމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަށްކޮށް، މެލޭޝިއާގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އެއާ ހިލާފަށް މެލޭޝިއާ ޓީމުން ކުރިއަށް ޖެހި އެޓޭކިންގް ގޭމެއް ކުޅުނު އިރު، ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފާއި ޑިފެންސް ލައިނުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެގޮތުން އޭރިއާ ތެރޭގައި ހުރެފައި މެލޭޝިއާގެ ފޯވާޑް ޑެރެން ޔީ ޑެންގް ލޮކް ފޮނުވާލި ބާރު ހަމަލާއެއް ހުއްޓުވުމުގައި ކީޕަރު ހުސެއިން ޝަރީފް ވަނީ ހުސިޔާރުކަން ދައްކާފައެވެ. އަދި އެއަށްފަހު އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް މެލޭޝިއާގެ ކެޕްޓަން މުހައްމަދު ސަފާވީ ރާޝިދު ފޮނުވާލި ބާރު ހަމަލާއެއް ގޯލާއި ދިމާލަށް ދިޔަ ނަމަވެސް، ރާއްޖޭގެ ކެޕްޓަން ސަމުއްޓޭ ވަނީ ބޮލުން މި ބޯޅަ ދިފާއުކޮށްފައެވެ.

މެލޭޝިއާއިން ލަނޑު ޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިއީ މެލޭޝިއާގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ހުސެއިން ސިފާއު ޔޫސުފްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކީޕަރު ހުސެއިން ޝަރީފް ވެސް ކުރިއަށް ޖެހިފައި ހުރި ވަގުތެއްގައި ބޯޅަ ހޯދައި، ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޑެރެން ޔީ ޑެންގް ލޮކް ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފެށިއިރު ބަދަލަކާއި ނުލައި ގައުމީ ޓީމުން ފެށި ނަމަވެސް، މި ހާފުގެ އަށްވަނަ މިނެޓުގައި ކޯޗު މޮރެއިރޯ ވަނީ ދެ ބަދަލެއް ގެނެސްފައެވެ، އެގޮތުން އިތުބާރު ފޯވާޑް ހަމްޕުއާއި. މުޅިން އަލަށް ސީނިއާ ގައުމީ ޓީމުގައި ހިމެނުނު މިރާޝް އިމްތިޔާޒް ވަނީ ކުޅެން އަރުވާފައެވެ. މިރާޝް އަކީ ސްޕެއިންގެ ހަ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި މިރާޝް ކުޅެންއެރިއިރު ހަމްޕު ކުޅެންއެރީ ސަޚާއުގެ ބަދަލުގައެވެ.

ދެވަނަ ހާފުގައިވެސް އެޓޭކިންގް މޮޅު ގޭމެއް ކުޅެމުންދިޔަ މެލޭޝިއާ ޓީމުން ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ޑެރެން ޔީ ޑެންގް ލޮކް މުޅިން ހުސްކޮށްލާފައި ފައިސަލް ހަލީމްއަށް ދިން ބޯޅައެއް އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ވައްދާލައިގެން ފައިސަލް ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/އެފްއޭއެމް

ލަނޑަށްފަހު 69 ވަނަ މިނެޓުގެ ތެރޭގައި ފައިސަލް ވަނީ ނުރައްކާތެރި އިތުރު ހަމަލާއެއް ރާއްޖޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާ ދިފާއުކުރީ މި މެޗުގައި ބައިކޮޅަށް ތިން ލަނޑު ވަން ނަމަވެސް، މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފްއެވެ. އޭނާގެ ފަރާތުން މުހިންމު ސޭވްތަކެއް މެޗުގައި ފެނިގެންދިޔައެވެ.

ގާތްގަނޑަކަށް އެއް އަހަރުގެ މެޗު ކެނޑުމަކަށްފަހު ގައުމީ ޓީމުގައި ހިމެނުނު އަލީ އަޝްފާގް (ދަގަނޑޭ) މެޗުގައި ކުޅެން އެރީ 83 ވަނަ މިނެޓުގައެވެ. ދަގަނޑޭ ކުޅެން އެރީ ހަސަން ރާއިފް އަހްމަދު (ހަންނަ)ގެ ބަދަލުގައެވެ.

މެޗުގައި މެލޭޝިއާއިން ތިންވަނަ ލަނޑު ޖެހީ 88 ވަނަ މިނެޓުގައެވެ. މިއީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޓަކް ލީ އެންޑްރޫ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާޖިއޯ ފެބިއަން އަގުއެރޯ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯލައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެންޑްރޫ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި އެންމެ ބޮޑަށް ފާހަގަވީ ރާއްޖޭގެ މެދުތެރެއިން، ފޯވާޑް ލައިނަށް ބޯޅަ ސަޕްލައި ނުކުރެވި، ހަމަލާތަކެއް އުފެއްދިފައި ނުވާ ކަމެވެ. މެޗުގައި ރާއްޖެއިން ފޮނުވާލި ނުރައްކާތެރި ހަމައެކަނި ހަމަލާއަކީ ހިލޭ ޖެހުމަކުން ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުސެއިން ސިފާއު ޔޫސުފް ފޮނުވާލި ހަމަލާއެވެ. މި ހަމަލާ ގޯލާއި އަމާޒުވި ނަމަވެސް މެލޭޝިއާގެ ކީޕަރު އަހްމަދު ޝިހާން ހަޒްމީ ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މެލޭޝިއާއަތުން ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މިމަހުގެ 17 ވަނަ ދުވަހު މި މެޗު ކުޅޭނީ ސިންގަޕޫރުގެ ޖަލަން ބިސާރް ސްޓޭޑިއަމުގައި ކުޅޭނެއެވެ.

މިއީ ގައުމީ ކޯޗު، މޮރިއެރޯގެ އިރުޝާދުގެ ދަށުން ކުޅުނު 10 ވަނަ މެޗެވެ. އޭގެތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

(ކ)-(ވ): ކޯޗު ފްރެންޗެސްކޯ މޮރިއެރޯ، މެނޭޖަރު އަބްދުﷲ ޝިބާއު، އެސިސްޓަންޓް ކޯޗު އަލީ ސުޒެއިން އަދި ގޯލް ކީޕަރު ކޯޗު އަސްލަމް އަބްދުލް ރަހީމް --ފޮޓޯ/އެފްއޭއެމް

ގައުމީ ޓީމާއެކު މޮރިއެރޯ ހަދާފައިވާ އެއްބަސްވުން އައުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އެއްބަސްވުން އައުކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ.

comment ކޮމެންޓް