ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް، އާޖެންޓީނާއިން ފިޔަވަޅެއްހާ ގާތަށް ޖެހިލައިފިއެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕާއި ކުރިމަތިލިއިރު އާޖެންޓީނާގެ މުޅި ޓީމު ދައްކަމުންދިޔައީ އެއް ވާހައެކެވެ. މިއީ އުމުރުން 35 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުއިރު، ހުރިހާ ކުޅުންތެރިންވެސް ބުނަމުންދިޔައީ އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ މެސީގެ ހައްގުގައި ކަމަށާއި، އޭނާގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
މުބާރާތް ކާމިޔާބު ކުރުމާއި ފިޔަވަޅެއްހާ ގާތަށް އާޖެންޓީނާއިން ޖެހިލީ، ކްރޮއޭޝިއާގެ މައްޗަށް ސެމީ ފައިނަލުގައި ކުރި ހޯދައިގެންނެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކްރޮއޭޝިއާއިންނެވެ. އެހެންނަމަވެސް ލިބޭ ފުރުސަތުތަކުގައި އެޓޭކިންގް ގޭމެއް ކުޅެ، ރަނގަޅު ހަމަލާތަކެއް އުފެއްދީ އާޖެންޓީނާއިންނެވެ. މެޗުގެ 65 ވަނަ މިނެޓާއި ހަމައަށް އައިއިރުވެސް ކްރޮއޭޝިއާގެ ކުޅުންތެރިންނަށް އާޖެންޓީނާގެ ގޯލާއި އަމާޒުކޮށް އޮން ޓާގެޓް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
އާޖެންޓީނާއިން މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މި ޕެނަލްޓީއަކީ މެޗުގައި އާޖެންޓިނާ މޮޅުވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ހޫލިއަން އަލްވަރޭޒްއަށް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ. މި ޕެނަލްޓީގައި ބޯޅަ ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ މިހާތަނަށް މެސީ ކުޅުނު ފަސް ވޯލްޑް ކަޕުން އޭނާ ޖެހި 11 ވަނަ ލަނޑެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ. މިއާއެކު ތާރީޚުގައިވެސް އާޖެންޓީނާގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މެސީ މިވަނީ ގާއިމްކޮށްފައެވެ.
ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގިތާ ފަސް މިނެޓުފަހުން އާޖެންޓީނާއިން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ އިންޑިވިޖުއަލް މޮޅު ކުޅުމަކަށްފަހު ޒުވާން ފޯވާޑް އަލްވަރޭޒް ޖެހި ހިތްގައިމު މޮޅު ލަނޑެކެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ އާޖެންޓީނާއިން ދެވަނަ ހާފު ފެށިއިރު މި ހާފު ފަށައިގެން ކްރޮއޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ހާފުގައިވެސް އާޖެންޓީނާއިން ވަނީ ކްރޮއޭޝިއާ މާޔޫސްކޮށްލާފައެވެ. އެގޮތުން މެޗުގައި ކްރޮއޭޝިއާއިން ފުރަތަމަ ހަމަލާ 69 ވަނަ މިނެޓުގައި އުފެއްދިއިރު، އެ މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ.
ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމަކަށްފަހު އޭނާ އޭރިއާ ތެރެއަށް ވަދެ މުޅިން ހުސްކޮށްލާފައި ދިން ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީވެސް އަލްވަރޭޒް އެވެ. މިއާއެކު އޭނާ މި ފަހަރުގެ ވޯލްޑް ކަޕުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. މިއީ 22 އަހަރުގައި ނުވަތަ އެއަށްވުރެ ހަގު އުމުރެއްގައި އާޖެންޓީނާގެ ކުޅުންތެރިއަކު 2010 ވަނަ އަހަރަށްފަހު އެއް ވޯލްޑް ކަޕުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި ނަތީޖާ އާއިއެކު އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، މިއީ އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅޭނެ ހަވަނަ ފަހަރެވެ. އެންމެފަހުން އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރުއެވެ.
ޖުމްލަ ދެ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާއިން މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ފްރާންސްއާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަޖުގެ 18 ވަނަ ދުވަހުއެވެ.