ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް މައުމޫން ލިޔުއްވައިފި

ޙަބީބާގެ ތައުޒިޔާގެ ދަފްތަރު ރައީސް މައުމޫން ލިޔުއްވަނީ-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހިބަހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ، އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ލިޔުއްވައިފިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވުމަށް ރައީސް މައުމޫން ދިވެހި ބަހުގެ އެކެޑަމީއަށް ވަޑައިގަތީ މިއަދު މެންދުރެވެ.

ރައީސް މައުމޫން ލިޔުއްވި ގޮތުގައި ޙަބީބާއަކީ ގައުމަށް ގިނަ ރޮނގުތަކަކުން އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެެކެވެ. އެގޮތުން ބަހާއި، ލިޔުންތެރިކަމާއި ތާރީޚަށް ކޮށްދެއްވި ޚިދުމަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޙަބީބާއަކީ ރައީސް މައުމޫންއާ ވަރަށް ގާތް، ރަހުމަތްތެރިކަމުގެ ގުޅުމެއް ދެމެހެއްޓެވި ބޭފުޅެއް ކަމަށް ވެސް އެ މަނިކުފާނު ލިޔުއްވިއެވެ.

ރައީސް މައުމޫން، ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

https://www.sun.mv/171289

މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވައިފައެވެ.

ޙަބީބާ، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ޚާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުޚާނާގައެވެ. އެގޮތުން 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވިއެވެ.

ޙަބީބާ އަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމައެހެންމެ، ގަރުނު ފޮތް ލިޔުމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގަފަތާބެހޭ މައުލޫމާތު އިނގިރޭސިބަހުން ދެއްވިއެވެ.

ލިޔުންތެރިކަމުގެ މަސައްކަތް ޙަބީބާ ފެއްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިއު ކޮށްފައިވެއެވެ. އެކަމަނާ ވަނީ ވަރަށް ގިނަ ވާހަކަތައް ލިޔުއްވައި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާ ވެސް ކުރައްވާފައެވެ.

ޙަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އެކަމަނާއަށް "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާއަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.

comment ކޮމެންޓް