މުޅި ރާއްޖެ ވެސް އަދި އޭނާގެ އާއިލާ ވެސް ގަބޫލުކުރާ ގޮތުގައި ހދ. ނޮޅިވަރަމް، ނިޝާމާ މުޙައްމަދުގެ ގާތިލަކީ އޭނާގެ ފިރިމީހާ އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލެވެ.
އެހެންނަމަވެސް މި ކަން ގަބޫލުނުކުރާ ބަޔަކު ވެސް އެބައުޅެވެ. އެއީ ފައިސަލްގެ އާއިލާއެވެ.
"އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ. މީހެއް މަރާލާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން ކައިރީ ވަރަށް ދުވަހު، ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަހު އެއް ގެއެއްގައި އުޅެފައި ނޮޅިވަރަމަށް އެ ބަދަލުވީ ވެސް،" ފައިސަލްގެ ބޭބެ އިބްރާހީމް މިއަދު "ސަން"އަށް ކިޔައިދިނެވެ.
ފައިސަލްގެ ދޮށީ ބޭބެ އިބްރާހިމް ބުނި ގޮތުގައި ފައިސަލްއަކީ މަސްތުވާތަކެތި ބޭނުންކުރި ނަމަވެސް މީހަކު މަރައިފާނެ މީހަަކަށް ނުވާނެއެވެ.
ފައިސަލް މަސްތުވާތަކެތި ބޭނުންކުރާ ކަމަކީ އޭނާގެ އާއިލާއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެ އުޅުން ބަދަލުކުރުމަށް އޭނާގެ އާއިލާއިން އެދުނު ނަމަވެސް އެފަދަ ނަސޭހަތް ދިނުމުން އޭނާ ނުރުހުންވެެއެވެ. އެހެންވެ އޭނާ އެ ވާހަކަތައް އަޑު ނާހައެވެ.
އެއީ ފެށުނީއްސުރެ ވެސް ފައިސަލްއާއި އޭނާގެ އާއިލާއާ ދެމެދު މާ ރަނގަޅު ގުޅުމެއް ނޯންނަ ސަބަބެވެ.
ފައިސަލްގެ ބޭބެ އިބްރާހީމް ބުނި ގޮތުގައި ފައިސަލްގެ އުޅުން އިސްލާހުކުރުމަށް ޓަކައި އާއިލާއިން ދޭ ނަސޭހަތް އެއް ގޮތަކަށް ވެސް އޭނާ ގަބޫލެއް ނުކުރެއެވެ.
"އަޅުގަނޑަކާ ފައިސަލްއާ އަނެއްހެން އެއްވެސް އިރަކު މާ ބޮޑު ގުޅުމެއް ނޯންނާނެ. ދެން އޭނާ އެ އުޅޭ ގޮތުން އަޅުގަނޑު ނުބާއްވަން އޭނާއަކާ އެއްވެސް ކަހަަލަ ގުޅުމެއް، އެއީ އަދި އެއްބަނޑު މީހެއް ކަމުގައިވީ ނަމަވެސް. އަޅުގަނޑު ހިތްހަމަ ޖެހޭ ގޮތަކަށް ނޫން އަޅުގަނޑުގެ ކޮއްކޮ އުޅެނީ،" އިބްރާހިމް ބުންޏެވެ.
ނިޝާމާގެ މަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފިރިއެއްގެ ފަރާތުން ލިބުނު ގެވެށި އަނިޔާއާއި ކުރިމަތިވި ފުރައްސާރައިގެ ނަތީޖާއެއްކަން ނިޝާމާގެ މުޅި އާއިލާ ވެސް ގަބޫލުކުރެއެވެ.
ނަމަވެސް އިބްރާހީމާއެކު އދ. ފެންފުށީގައި، އެއް ގެއެއްގައި ގާތްގަނޑަކަށް ދެ އަހަރު އެކުގައި ފައިސަލްއާއި ނިޝާމާ، އަދި އެ ދެމަފިރިންގެ ދަރިން އުޅުނު އިރު ވެސް އަނިޔާކުރާކަމުގެ ހިލަމެއް ދުވަހަކު ވެސް އޭނާއަކަށް ނުވެއެވެ. އަދި އެ ފަދަ އެއްވެސް ކަމެއް ހިނގާކަން އޭނާއަށް ފާހަގަވެފައި ވެސް ނުވެއެވެ.
ފެންފުށިން، ނޮޅިވަރަމަށް ދިރިއުޅުން ބަދަލުކުރީ، ފައިސަލް ފެނަކައިގައި އަދާކުރާ ޓެކްނީޝަނެއްގެ ވަޒީފާ ނޮޅިވަރަމް ފެނަކަ ބްރާންޗަށް ބަދަލުކުރުމުންނެވެ. ނަމަވެސް އޭގެ ފަހުން އަހަރެއް ވެސް ނުވަނީސް ލިބުނު ޚަބަރަކީ އޭނާއަށް ވެސް ލިބުނު ބޮޑު ހިތްދަތިކަމެއްކަމަށް އިބްރާހީމް ބުންޏެވެ.
"އަޅުގަނޑު ވަރަށް ދެރަވި. އަޅުގަނޑުގެ ކޮއްކޮއެއް ފަދަ މީހެއް ހަމަ ފައިސަލް އިނދެގެން އުޅުނު ނިޝާމާއަކީ. އަބަދުވެސް އެކުގައި އުޅޭނީ. އަޅުގަނޑު ވަރަށް ދެރަވި ނިޝާމާގެ މަރުގެ ޚަބަރު ލިބުނީމާ،"
އޭގެ ސަބަބުން އޭނާގެ ބައްޕައަށް ވެސް ބޮޑު ހިތްދަތިކަމެއް ލިބުނު ކަމަށް އިބްރާހީމް ބުންޏެވެ. އެގޮތުން ހާލު ދެރަވެ، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީ، އިތުރު ފަރުވާއަށް މިހާރު ފައިސަލްގެ ބައްޕަވީ މާލޭގައި ކަމަށް ވެސް ބުންޏެވެ.
ނިޝާމާ މަރުގެ ސަބަބުން ލިބުނު ހިތްދަތިކަމުން އަރައިނުގަނެވެނީސް، ދެން އިވުނީ ރޭ ފައިސަލް ދަން ޖެހި، އަމިއްލައަށް މަރުވާން މަސައްކަތްކުރި ޚަބަރެވެ.
ރޭ، ދަންޖެހިފައި ހުއްޓާ ފެނިގެން އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ވިންދެއް ނެތެވެ. އޭނާއަށް އީއާރުގައި ވަގުތުން ފަރުވާދީ ޕަލްސް ވަނީ ރިވައިވް ކޮށްފައެވެ.
ޕަލްސް ރިވައިވްކުރެވުނު ނަމަވެސް އަދިވެސް ކްރިޓިކަލް ހާލަތުގައި ފައިސަލްއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.
ނިޝާމާއާއި ފައިސަލް އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާ ބޭބީ ނާސަރީގައި އުޅޭއިރު އެ ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.
އެ ކުދީންގެ މަންމަ ދުނިޔެ ދޫކޮށް ގޮސްފިއެވެ. ބައްޕަ އޮތީ އަމިއްލައަށް މަރުވާން އުޅެ، ފުރާނައާ ހަނގުރާމަކުރާ ހާލުގައި ހޮސްޕިޓަލުގައެވެ.
ފައިސަލްގެ ބޭބެ ބުނި ގޮތުގައި އެ ކުދިންގެ ކުރިމަގާ ބެހޭ ގޮތުން ނިޝާމާގެ އާއިލާއިން ނިންމާ ގޮތަކަށް އޭނާ އިޙުތިރާމު ކުރާނެއެވެ.
"އަޅުގަނޑު ވިސްނާ ގޮތަކީ، ދެން އެކޮޅުން [ނިޝާމާގެ އާއިލާ]އިން ކާފަ މާމަ އެބަހުރި ކަންނޭނގެ. އަޅުގަނޑުމެންނާ ހަވާލުކޮށްފިނަމަ ހަމަ އަޅުގަނޑުގެ ދަރިއެކޭ އެއް ފަދައިން ހުރިހާ ޚަރަދެއް ކުރާނަން އިރާދަކުރެއްވިއްޔާ. އެ ކުދިން ދޫކޮށްލާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ އެއްބަނޑު މީހެއްގެ ދަރިއެއް ވިއްޔާ. ބަލާނަން ހަމަ އިރާދަކުރެއްވިއްޔާ،" އިބްރާހީމް ބުންޏެވެ.
ނިޝާމާގެ މަރަށް މިހާރު ދެ ދުވަސް ވީއެވެ. މިހާރު އޭނާގެ ހަށިގަނޑު އޮތީ ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަން ގެންދަން ތައްޔާރުކޮށްފައެވެ.