ހދ. ނޮޅިވަރަމްގައި އެރަށު ހިތަށްފިނިވާގޭ ނިޝާމާ މުޙައްމަދު، 28، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް, އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެެހިފައި ހުއްޓާ ފެނިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފައިސަލް، ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 23:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އަދި ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުމާއެކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެ ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުން ގެންދާކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިމަހުގެ 10 ވަނަ ދުވަހު ނިޝާމާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރި ތެރެއިންނެވެ. ނިޝާމާ މަރާލި ކަމަށް ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ. ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ކުޅުދުއްފުއްޓަށް ގޮސްފައެވެ. އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް، ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.
ފައިސަލްއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުނެއެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ފައިސަލްގެ ފަރާތުން އޭނާގެ ކުޑަ ތިން ކުދިންގެ މަންމަ، ނިޝާމާއަށް މީގެ އަހަރުތަކެއް ކުރިންސުރެއް އަނިޔާ ލިބެމުންދާކަމަށް ނިޝާމާގެ އާއިލާ މެމްބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނެފައިވެއެވެ.
ނިޝާމާއާއި ފައިސަލް އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާ ބޭބީ ނާސަރީގައި އުޅޭއިރު އެ ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ހަށިގަނޑު އޮތީ މޯޗަރީގައެވެ. ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މި މަރާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.