އިންޑިއާގެ މަޝްހޫރު ޓެކް ކުންފުނި ޓާޓާ ގްރޫޕުން މުޅި އިންޑިއާގެ އެކި ސަރަހައްދުތަކުގައި އެޕަލް ކުންފުނީގެ 100 ފިހާރަ ހުޅުވަން ނިންމައިފިއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްއިން ކަމާ ގުޅުން ހުރި ދެ މީހަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި ޝޮޕިން މޯލްތައް ފަދަ ތަންތަނުގައި ހުޅުވަން ޓާޓާއިން ނިންމާފައިވާ އެ ފިހާރަތަކުގައި ވިއްކާނީ ހަމައެކަނި އެޕަލްގެ އުފެއްދުންތަކެވެ. އަދި އެ ފިހާރަތައް ހުޅުވާނީ އެޕަލްގެ އުފެއްދުންތައް ވިއްކަން ހުއްދަ ހޯދައި، އޮތޮރައިޒްޑް ރީސެލާއެއްގެ ގޮތުގައެވެ.
އެކަމާ ބެހޭ ގޮތުން ޓާޓާއިން މިހާރު ޕްރީމިއަމް މޯލްތަކާ ވާހަކަ ދައްކަން ފަށާފައިވާއިރު، ކުލީގެ ޝަރުތުތަކުގައި މި އައުޓްލެޓްތަކުގެ ކައިރީގައި ނުހުޅުވޭ ބްރޭންޑްތަކާއި ފިހާރަތަކުގެ ތަފްސީލު ހިމެނޭ ކަމަށް އިކޮނޮމިކް ޓައިމްސް ނޫހުން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެޕަލް އާއި ޓާޓާ ގްރޫޕުން ބަހެއް ހޯދަން ރޮއިޓާސްއިން ކުރި ކޯލްތަކާއި އީމެއިލްތަކަށް ޖަވާބެއް ނުދޭ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
އިންޑިއާގައި އެޕަލްގެ އުފެއްދުންތައް އެންމެ ގިނައިން ވިއްކާ އެއް ކުންފުނި ކަމަށްވާ ޓައިވާންގެ ވިސްޓްރޯންއިން އެ ގައުމުގައި ހިންގާ ހަމައެކަނި ކާރުހާނާ، ޓާޓާ ކުންފުނިން 605،973 ޑޮލަރަށް ގަންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިދިޔަ މަހު ޚަބަރު ފެތުރިފައިވެއެވެ.
އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި ހުންނަ މި ކާރުހާނާ ގަތުމަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ވިސްޓްރޯންއާ އެކު ޓާޓާއިން ޖޮއިންޓް ވެންޗާއެއް ހަދާފާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ޓާޓާ ގްރޫޕްގެ ޔުނިޓެއް ކަމަށްވާ ޓާޓާ އިލެކްޓްރޯނިކްސްއިން، އެޕަލްގެ އުފެއްދުންތަކަށް ބޭނުންވާ ބައެއް ބައިތައް އެ ކުންފުންޏަށް ފޯރުކޮށްދެއެވެ.
މިވަގުތު އިންޑިއާގައި އައިފޯނުތައް އެސެމްބަލް ކުރަނީ އެޕަލްގެ ސަޕްލަޔަރުންގެ ތެރޭގައި ހިމެނޭ ތިން ކުންފުންޏެއް ކަމަށްވާ ވިސްޓްރޯން އާއި ފޮކްސްކޮން އާއި ޕެގަޓްރޯން އިންނެވެ.
މި މަހުގެ ކުރީކޮޅު އެޕަލްގެ ޓައިވާންގެ ކޮންޓްރެކްޓް ކުންފުނި ޕެގަޓްރޯން އިން އިންޑިއާގައި އާ އައިފޯން 14 އެސެމްބަލް ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފޮކްސްކޮން އާއި ޕެގަޓްރޯން އިން ވެސް ވަނީ އިންޑިއާގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން 14 ފޯނު އެސެމްބަލް ކުރަން ފަށާފައެވެ.
ޖޭޕީ މޯގަންގެ އެނެލިސްޓުން ލަފާކުރާ ގޮތުގައި، ޗައިނާގެ ކޮވިޑް-19 ލޮކްޑައުންތަކުގެ ސަބަބުންނާއި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން އެޕަލްއިން އިންޑިއާގައި އައިފޯން އުފައްދާ މިންވަރު އިތުރު ކުރާނެއެވެ. އެގޮތުން 2025 ވަނަ އަހަރު އެ ކުންފުނިން ކޮންމެ ހަތަރު އައިފޯނަކުން އެއް ފޯނު އުފައްދާނީ އިންޑިއާގައި ކަމަށް ޖޭޕީ މޯގަންއިން ލަފާކުރެއެވެ.