ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުން: އެޗްޑީސީއާއި ވާވޭ އެއްބަސްވުމަކަށް

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އެޗްޑީސީ

ސްމާޓް ސިޓީ އިނީޝިއޭޓިވްގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑް، ގުޅިގެން މަސައްކަތް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި މި އެއްބަސްވުމުގައި ސޮއިކުރިއިރު، މި އެއްބަސްވުމުގެ ދަށުން، ވާވޭއިން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް ތަންފީޒު ކުރުމަށް ފަންނީ ތަޖުރިބާކާއާއެކު އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާއާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އެޗްޑީސީއާއި ވާވޭއިން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން، އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި ހުޅުމާލެ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު، މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އެޗްޑީސީ

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ވާވޭގެ ސީއީއޯ ބުނީ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗާއާއި ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި، 12 ވަރަކަށް އަހަރު ވާވޭއިން ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާނެ ކަމަށެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ފުރިހަމައަށް ގުޅިފައިވާ ޓެކްނޮލޮޖީއަށް އަހުލުވެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި، ރާއްޖޭގެ ކޮންމެ ފަރުދަކީ އަދި ކޮންމެ ގެއަކީ އެކަމަށް އަހުލުވެރި، ޑިޖިޓަލައިޒްޑް ބަޔަކަށް ހަދަން މަސައްކަތްކުރާނެ ކަމަށް ވާވޭގެ ސީއީއޯ ބުނެފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވާވޭއިން ގެންގުޅޭ "އިން މޯލްޑިވްސް، ފޯ މޯލްޑިވްސް" ތަޞައްވުރުގެ ދަށުން ކުރަމުންދާ މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

ސްމާޓް އަދި ޑިޖިޓަލީ ގުޅިފައިވާ މުޖުތަމައުތައް ބިނާކުރުމުގެ އުއްމީދީ ވިސްނުމަކާއެކު އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން، ހުޅުމާލެއަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް، ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓް ގެނައުމަށްޓަކައި އާ ޓެކްނޮލޮޖީތަކާއި ސްމާޓް ސޮލިއުޝަންތައް ދެނެގަނެ، އޭގެ ބޭނުން ހިފައި، އިޖުތިމާއީ ބައިވެރިވުން ކަށަވަރުކުރުމާއި، ދަތުރުފަތުރު ކުރުން އިތުރުކުރުމާއި، ރައްކާތެރި، ސާފު މާހައުލެއް ގާއިމުކޮށް، ދިރިއުޅެވޭނެ ސިޓީއެއް އުފެއްދުމަށް އެ ކުންފުނިން އަންނަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް