ރެފްރީންނަށް މުސާރަ ނުދޭތީ ދިވެހިލީގުގެ ބައެއް ކޮލިފައިންގް މެޗުތައް މެދުކެނޑިއްޖެ

ދިވެހި ލީގު މެޗަކަށް ރެފްރީން ދަނޑަށް ނުކުންނަނީ --ފޮޓޯ/އެފްއޭއެމް

ބޮޑު އަޒުމަކާއެކު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފެށި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން، ސެންޓްރަލް ލީގުގެ އެންމެ ފަހު ގުރޫޕް، ގުރޫޕް އީ ގެ މެޗުތައް، ރެފްރީންނަށް މުސާރަ ނުދޭކަމަށް ބުނެ މެޗުތަކުގައި އިންސާފު ކުރާނެ ރެފްރީން ނެތުމުން މެދުކަނޑާލަން ޖެހިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މެދުކަނޑާލަން ޖެހިފައި ވަނީ މ. އަތޮޅުގެ މެޗުތަކެވެ. މ. ވޭވަށުގައި މި ގުރޫޕުގެ މެޗުތައް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

4 ޓީމަކުން ވާދަކުރާ މި ގުރޫޕުގައި 12 މެޗު ކުޅެން ރާވާފައިވާއިރު، މިހާތަނަށް ކުޅެވިފައި ވަނީ އެންމެ ދެ މެޗެވެ. އެހެންކަމުން އަދި މި ގުރޫޕުގައި ބާކީ 10 މެޗު ނުކުޅެ އެބައޮތެވެ.

މި ގުރޫޕުގައި ވާދަކުރަނީ މ އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ހަތަރު ޓީމެވެ. އެއީ މަޑުއްވަރީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވޭވަށު އެކުވެރިންގެ ދިރުމާއި މުލަކު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަދި ނާލާފުށި ޔޫތު ކްލަބެވެ.

ހަތަރު ޒޯނަކަށް ބަހާލައިގެން މުޅި ރާއްޖެއަށް ދިވެހި ލީގު ފުޅާކުރުމަށް އެފްއޭއެމް އިން ފެށި ކޮލިފިކޭޝަން ކުރިއަށް ދާނީ އޯޕަން ޑިވިޝަނުން ތިންވަނަ ޑިވިޝަނަށް އަދި ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ދާ ގޮތަށެވެ. މާލެ ޒޯން ފިޔަވައި ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ޓީމުތަކުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ތިން ޓީމަކަށް ދިވެހި ޕްރިމިއާ ލީގު 2023/2024 ސީޒަނުން ފުރުސަތު ލިބޭނެއެވެ.

ދިވެހި ފުޓުބޯޅަ ކުރިއަރުވައި، ފުރަތަމަ ޑިވިޝަންގެ ފޯރި ގަދަކުރުމަށް އެފްއޭއެމް އިން ފެށި މި މަސައްކަތުގައި މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރެފްރީންނަށް ދޭން ޖެހޭ މުސާރަ ނުދެވުމުގެ ސަބަބުން މެޗުތައް ހުއްޓާލަން ޖެހިފައި އޮތުމެވެ.

މުލަކު އަތޮޅުގެ ދެވަނަ ޑިވިޝަނުގެ ފަހު ގްރޫޕްގެ މެޗުތައް ރެފްރީންނަށް މުސާރަ ނުދެވުމުން މެދުކަނޑާލަން ޖެހުނުއިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގުރޫޕުގައި ވާދަކުރާ ޓީމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު އަގުގައި ޓީމަށް ގެނެސްފައިވާ ކުޅުންތެރިން ތިއްބައި، މިގޮތަށް މެޗުތައް މެދުކަނޑާލާފައި އޮންނަން ޖެހުމުން ޓީމަށް އެކަމުގެ ގެއްލުން ލިބުމެވެ.

ކޮލިފިކޭޝަންގެ އެއް ގުރޫޕުގެ މެޗުތައް ރެފްރީންނަށް ދޭންޖެހޭ އުޖޫރަ ނުދެވުމުގެ ސަބަބުން މެދުކަނޑާލިއިރު، މިއީ މިގޮތަށް ރެފްރީން ނުލިބުމުގެ ސަބަބުން މެޗުތައް ނުކުޅެވުނު ފުރަތަމަ ފަހަރެވެ.

މިއަހަރު ކުރިއަށްދިޔަ ދެވަނަ ޑިވިޝަނުގެ މެޗުތަކެއްވެސް، ރެފްރީން ނުލިބުމުގެ ސަބަބުން މެދުކަނޑާލަން ޖެހުނެވެ. އެ މެޗުތަކަށް ރެފްރީން ނުލިބެނީ އެ ރެފްރީން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ އުޖޫރަ، އެފްއޭއެމްއިން ނުދޭތީއެވެ.

މާލީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ އެފްއޭއެމް އަށް މި ނޫނަސް ގިނަ ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ކަރަންޓު ބިލަށް ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް ހައުސްއިން ކަރަންޓުވެސް ކަނޑާލާފައިވެއެވެ. 6.5 މިލިއަން ރުފިޔާގެ ބިލެއް، އެފްއޭއެމްއިން ސްޓެލްކޯއަށް ނުދައްކާ އޮތެވެ.

https://sun.mv/169563

މީގެއިތުރުން އެކި އުމުރުފުރައިގެ އަދި ސީނިއާ ގައުމީ ޓީމުތަކުގެ ކޯޗުންނާއި، އެސިސްޓަންޓް ކޯޗުންނަށް ދޭންޖެހޭ އުޖޫރަ ނުދީ އޮތުމުގެ ސަބަބުން، އެ ފަރާތްތަކުން ވެސް އެފްއޭއެމްއާ ދެކޮޅަށް ފީފާއަށް މައްސަލަތައް ވައްދާފައިވާއިރު، މިފަދަ ހުރިހާ މައްސަލައެއްވެސް ނިމިފައި ވަނީ އެފްއޭއެމްއާ ދެކޮޅަށެވެ.

ކުރެއްދޫގައި ގައުމީޓީމު ކުޅުނު މެޗަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ޓީމުގެ ޖޯޒީ، މުހައްމަދު މޫސާ (އުއްޗު) އަށް ހަދިޔާކުރައްވަނީ --- ފޮޓޯ/ އެފްއޭއެމް

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކުރެއްދޫ ރިސޯޓްގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗަށްފަހު، ހެޔޮއެދޭ ފަރާތްތަކުން ގައުމީޓީމަށް ބެހުމަށް ދިން މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް އެފްއޭއެމުން މިހާތަނަށް ދީފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިފަދަ ގިނަ މައްސަލަތަކެއްގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުންތައް އެފްއޭއެމްއާއި އެ އެސޯސިއޭޝަނުގެ ވެރިންނަށް އަންނަނީ އަމާޒުވަމުންނެވެ.

comment ކޮމެންޓް