ޑެންގީއާއި ގައިންގަޔަށްއަރާ ބައެއް ބަލިތައް ފެތުރޭ މިންވަރު މަދުވެއްޖެ

ފްލޫ ކްލިނިކް --- ފޮޓޯ/ ފަޔާޒު މޫސާ

ޑެންގީ ހިމެނޭހެން, ބޭރަށް ހިންގުމާއި ހޮޑުލުމާއި އަރިދަފުސް ރޯގާ ޖެހޭ މިންވަރު މި އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު މަދުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޑެންގީއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވި ނަމަވެސް، މިދިޔަ ދެ މަހުގެ އަދަދުތަކަށް ބަލާއިރު ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 327 މީހުންނެވެ. އެއާ ޚިލާފަށް މިއަހަރުގެ އޮކްޓޫބަރު މަހު ޑެންގީ ޖެހިގެން 626 މީހުން ރިޕޯޓުކޮށްފައި ވެއެވެ. މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ، 280 މީހުންނެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު ޑެންގީ ޖެހިގެން ހަތަރު މީހުން މަރުވެފައިވެއެވެ. އޭގެތެރޭގައި އަށް އަހަރުގެ ކުޑަ ކުއްޖަކާއި 19 އަހަރު ޒުވާނަކާއި 21 އަހަރުގެ ޒުވާނެއްގެ އިތުރުން ނުވަ އަހަރުގެ ކުޑަ ކުއްޖަކު ހިމެނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު، މިއަހަރު އަރިދަފުސް ރޯގާ ޖެހުނު މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު އަރިދަފުސްރޯގާ ޖެހުނު މިންވަރު ވެސް ވަނީ ދަށްވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 19853 މީހުން ރިޕޯޓުކޮށްފައިވެއެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 31750އަށް އަރާފައެވެ. ނަމަވެސް މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 30552 މީހުންނެވެ.

މިއަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓުކުރި މީހުން ވެސް ވަނީ މިދިޔަ މަހު މަދުވެފައެވެ. އޮކްޓޯބަރު މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން 3820 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، މިދިޔަ މަހު ރިޕޯޓުކޮށްފައި ވަނީ 2575 މީހުންނެވެ.

ޑެންގީ އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް