ޕޮލިސް ބޯޑުގެ ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑިއަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު މިއަދު އައްޔަންކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ ޢަބްދުﷲ ވަނީ މިއަދު "ސަން"އަށް އެކަން ޔަގީންކޮށްދެއްވައިފައެވެ.
ޕޮލިސް ބޯޑުގެ މެމްބަރުންގެ ގޮނޑިއެއް ހުސްވީ އެ ބޯޑުގެ ރައީސްކަން ކުރެއްވި، މއ. މަނާގެ ޢަލީ ފާއިޒް ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް އައްޔަންކުރުމުންނެވެ.
ހަފްސީ ވިދާޅުވީ، އެ ބޯޑުގެ ރައީސަކު ހޮވާނީ ބޯޑުގެ ހުރިހާ މެމްބަރުންނާއެކު ބާއްވާ ބައްދަލުވުމެއްގައި ނަގާ ވޯޓަކުން ކަމަށެވެ.
"އަދި އެ ބޯޑަށް ރައީސަކު ހަމައެއް ނުޖައްސަން. އެ ކަން ކުރާނީ ބޯޑުގެ ބައްދަލުވުމުގައި. މިހާރަށް ހުސްވެފައިވާ މެމްބަރުގެ ގޮނޑިއަށް މި މެމްބަރަކު އައްޔަންކުރީ،" ހަފްސީ ވިދާޅުވިއެވެ.

ރައީސް ނަޝީދު، ފަސީހު، ހަސަން އަފީފް
ފަސީހު ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑު އެކުލަވައިލީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
އެ ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ. އާންމުންގެ ތެރެއިން ކުރިމަތިލާ ދެ މެމްބަރުންނަށް ރުހުން ދެނީ މަޖިލީހުންނެވެ.
އެ ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.