އައްޑޫ ސިޓީ ހިތަދޫގެ މަގެއްގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ ތެރެއިން ކޮންނަމުން ދިޔަ ވަޅެއްގައި ތާށިވި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ހިތަދޫގެ މަގެއްގައި ނަރުދަމާ އަޅަން ކޮންނަމުން ދިޔަ ފުން ވަޅުގަނޑެއްގެ އެއްފަޅިން ގިރައިގެން ގޮސް، ވަޅުގަނޑު ތެރޭގައި އެވަގުތު ކޮންނަން ތިބި މީހުން ތާށިވެގެން އަނިޔާވެފައިވަނީ ފެނަކަ ހިތަދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދާ ދިވެހި ދެ ފިރިހެނަކަށެވެ.
އެ ދެމީހުން ވެސް ވަނީ ވަޅުގަނޑު ތެރޭ ތާށިވިތާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ 17:00ހާއިރު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ވެގެން ވަނީ އައިސީޔޫގައި ފަރުވާދީފައެވެ.
އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސާ ސާފީ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވެގެން ފަރުވާދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.
އޭގެ ތެރެއިން ހާލު ސީރިއަަަސް ވެގެން ފަރުވާދީފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ މޭ ކަށިގަނޑުގައި ރެނދެއްލާފައިވާ ކަމަށާއި އަދިވެސް އައިސީޔޫގައި އޮތް ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ސާފީ ވިދާޅުވިއެވެ.
ދެވަނަ މީހާއަކީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. ވޯޑުގައި ބާއްވައިގެން ފަރުވާ ދެމުންދާ އެމީހާގެ ހާލުވެސް ރަނގަޅު ކަމަށާއި އޭނާ މިއަދު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާނެ ކަމަށް ސާފީ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ފެނަކަ ހިތަދޫ ބްރާންޗުން ވަނީ ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔައީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ.
މީގެ އިތުރުން ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށާއި މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ވެސް އެ އޮފީހުގެ މުވައްޒަފަކު ވަނީ ބުނެފައެވެ.