އައްޑޫގައި ކޮންނަމުން ދިޔަ ވަޅެއްގައި ތާށިވި މީހެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ ހިތަދޫގެ މަގެއްގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ ތެރެއިން ކޮންނަމުން ދިޔަ ވަޅެއްގައި ދެ މީހަކު ތާށިވެ, އެކެއްގެ ހާލު ސީރިއަސްވެ، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެ ހާދިސާ ހިނގާފައި ވަނީ، ހިތަދޫގެ މަގެއްގައި ނަރުދަމާ އަޅަން ކޮންނަމުން ދިޔަ ފުން ވަޅުގަނޑެއްގެ އެއްފަޅިން ގިރައިގެން ގޮސް، ވަޅުގަނޑު ތެރޭގައި އެވަގުތު ކޮންނަން ތިބި މީހުން ތާށިވެގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ފެނަކަ ހިތަދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދާ ދިވެހި ދެ ފިރިހެނުންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފެނަކަ ހިތަދޫ ބްރާންޗުން "ސަން"އަށް މައުލޫމާތު ދިން މުވައްޒަފަކު ބުނި ގޮތުގައި އެމީހުން ވަޅު ތެރޭ ތާށިވިތާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ މޭ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށާއި، އޭނާ އޮބްޒާވް ކުރަން އައިސީޔޫގައި ބާއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މުވައްޒަފު އިތުރަށް ބުނީ، ވަޅުގަނޑުގެ އެއްފަޅިން ގިރައިގެން ގޮސް އެތެރެއަށް ފަސް ވެއްޓުނު ނަމަވެސް އެތެރޭގައި ތިބި ދެ މީހުން ވަޅުނުލެވޭ ކަމަށެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވޯޑުގައެވެ.

ފެނަކަ ހިތަދޫ ބްރާންޗުން ބުނީ، ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔައީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި މީގެކުރިން މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށްވެސް އެ އޮފީހުގެ މުވައްޒަފު ބުންޏެވެ.

comment ކޮމެންޓް