ޔޯގާ ހަމަނުޖެހުމަކީ އިދިކޮޅުން ހިންގި އަމަލެއް ނޫން: އީސީ

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމަކީ އިދިކޮޅު ޕީޕިއެމް/ޕީއެންސީން އިސްނަގައިގެން ކުރި ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެން ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެހަރަކާތް ހުއްޓުވާފައެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ވަނީ އެތާ ތިބި ބައެއް މީހުންނަށާއި، އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފައެވެ. ހަމަނުޖެހުން ހިންގުމަށް ބޭނުންކުރި ބައެއް ތަކެތި ނެރުނީ އިދިކޮޅު ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނީ އެ ހަމަނުޖެހުމުގައި އިދިކޮޅުގެ ދައުރު އޮތް ކަމަށް ސާބިތުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.

އީސީ އިން މައުލޫމާތު ހޯދީ ފުލުހުންގެ މުއައްސަސާއިން. އެމައްސަލައާ ގުޅޭގޮތުން ވާނެ ސިޓީ ފަދަ ރަސްމީ ލިޔެކިޔުން ބަދަލު ކުރެވިފަ. އަޅުގަނޑުމެންނަށް ލިބުނު އެއްވެސް މައުލޫމާތަކުން ނުފެނޭ އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް. ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީސްމީހުން އެކަމުގަ އުޅުނު. އެކަމަކު އެއީ ޕާޓީގެ ހަރަކާތެއްގެ ގޮތުގައި ނޫނީ ޕާޓީގެ އިސްނެގުމަކުން ކުރި ކަމެއް ކަމަކަށް ނުފެނޭ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް

އެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އެކި ދުވަސް މަތިން 25 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެއެވެ. މި މައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކުރަން ފޮނުވާފައި ވަނީ 18 މީހެއްގެ މައްޗަށެވެ.

އެހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ވާނުވާ ބަންދުގައި ބެހެއްޓުމާ ގުޅިގެން، ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް